Ads by Stelco

ޚަބަރު

އުފެއްދުންތެރިންނާއި ފަންނުވެރިންގެ ހައްގު ރައްކާތެރިކުރުމަށް ބާރުލިބޭ ޓްރޭޑްމާކް ބިލު މަޖިލީހަށް

އުފެއްދުންތެރިންނާއި ފަންނުވެރިންގެ ހައްގު ރައްކާތެރިކުރުމަށް ބާރުލިބޭ ޓްރޭޑްމާކް ބިލު މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެތެރެއިން ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖުލައި 2025، 11:12

14 ޖުލައި 2025، 11:12

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި، "ޓްރޭޑްމާކް ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ.
މި ބިލުގެ މައިގަނޑު މަގްސަދަކީ ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން އެޓްރޭޑްމާކްގެ ވެރިފަރާތަށް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން "ޓްރޭޑްމާކް" ކަމުގައި ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ. ރަޖިސްޓްރީ ކުރެވިފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތެއްގެ ހުއްދައާ ނުލައި، އެ މާކަކާ އެއްގޮތް ނިޝާނެއް ނުވަތަ އެ މާކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްގު ޓްރޭޑްމާކް ރަޖިސްޓްރީ ކުރާ ފަރާތަށް ލިބޭނެއެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ޓްރޭޑްމާކްގެ ޙައްގަކަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި މައްސަލައެއްގައި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މައްސަލަ ލަސްވުމުގެ ސަބަބުން ޓްރޭޑްމާކްގެ ވެރިފަރާތަށް އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ހާލަތެއްގައިވެސް، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ކޯޓަށް ނެރެވޭނެއެވެ. ޓްރޭޑްމާކްގެ ޙައްގަކަށް އަރައިގެންފައިވާކަން ސާބިތުވާނަމަ، އެ ޓްރޭޑްމާކެއްގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ކަނޑައެޅިދާނެއެވެ.

މީގެ އިތުރުން މި ބިލުގައި، ރާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ބިލު ފާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމާކްތައް އުވާލެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީވެސް ބިލު ތަސްދީގު ކުރައްވާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ފަހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން