Ads by Stelco

ޚަބަރު

އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ ޢާއިލާއަށް ނައިބު ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ ޢާއިލާއަށް ނައިބު ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރޭގަ ބޮޑުތަކުރުފާނުމަގުގައި ހިނގި އެކްސިޑެންޓް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖުލައި 2025، 11:02

14 ޖުލައި 2025، 11:02

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު މަރްޙޫމްގެ އާއިލާއަށް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މަރުޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ. މީގެ އިތުރުން މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދިވެސް އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ބޮޑުތަކުރުފާނު މަގު، ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ. އެ ސައިކަލުގައި 16 އަހަރުގެ ކުއްޖަކާއި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ތިބި އިރު، ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ އަލްސަން ކަމަށެވެ.

ނިޔާވި ޔޫސުފް އަލްސަން މުޙައްމަދަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ރޭގެ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅުވެސް އޮތީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ޔޫސުފް އަލްސަން މުޙައްމަދު ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން