Ads by Stelco

ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައިފި

އޭރޯ ބްރިޖު ޓެސްޓުކުރުން، ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ޖުލައި 2025، 07:12

14 ޖުލައި 2025، 07:12

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ ކުރިން ކާމިޔާބުކަމާއެކު މުހިންމު ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ.

އޭރޯ ބްރިޖަކީ މަތިންދާ ބޯޓާއި ސީދާ ޓާރމިނަލް ގުޅުވާލަދޭ ބްރިޖެކެވެ. މިއީ އެތައް ގޮތަކުން ޕެސެންޖަރުންނަށް ލުއިކޮށްދޭނެ ޒަމާނީ ޚިދުމަތެކެވެ.

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އައު ޓާރމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެކެވެ.

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން އިއްޔެ ކުރިޔަށް ގެންދިޔަ މި ޓްރަޔަލް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވާލެއްވުމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭރޯ ބްރިޖުތައް ޓެސްޓުކުރުމަށް ކުރިއަށް ގެންދިޔަ މި ޓްރަޔަލްގައި އައު ޓާރމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކޮށްފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައިފި

އޭރޯ ބްރިޖާއި މަތިންދާބޯޓެއް ވީއައިއޭގައި ފުރަތަމަ ގުޅުވާލުން، ފޮޓޯ: އެމްއޭސީއެލް

އޭގެ އިތުރުން އައު ޓާރމިނަލްއާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިންގ ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައެވެ. މިއީ ދުބާއީ، ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ، ދުނިޔޭގެ އެންމެ އެޑްވާންސް ސިސްޓަމެކެވެ. މިއީ އިލެކްޓްރޯނިކް ޑިސްޕްލޭއެއްގެ އެހީގައި ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައިވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް އެހީތެރިވެދޭނެ އާލާތެކެވެ. އަދި މި ސިސްޓަމަކީ އޮބްސްޓަކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ. އަދި މިއީ މި ފެންވަރުގެ ސިސްޓަމެއް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރުކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

އައު ޓާރމިނަލްގައި އޭރޯ ބްރިޖު ބޭނުންކުރަން ފެށުމުން، ވީއައިއޭގައި ޕެސެންޖަރުން އުފުލަން ޖެހިފައި އޮތް ގިނަ ތަކުލީފުތަކަކަށް ލުއި ލިބޭނެއެވެ. މިހާރު މަތިންދާބޯޓުން ފައިބައިގެން ޓާރމިނަލަށް ދާން އޮންނަ ހަމައެކަނި ގޮތަކީ، މަތިންދާ ބޯޓު ދުރުގައި ޕާކުކޮށްފިނަމަ ބަހަކުން ދިއުމެވެ. އަދި ކައިރީގައި ޕާކުކޮށްފިނަމަ ހިނގާފައި ދިއުމެވެ. ނަމަވެސް މި ބްރިޖާއެކު ޕަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އޭރޯ ބްރިޖާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ 8 ވަރަކަށް މިނެޓެވެ. މިކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ އިތުރު މަތިންދާބޯޓަށް ޖާގަ ދޭން ހޭދަވާ ވަގުތު ވެސް ކުޑަކުރެވޭނެކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން