Ads by Stelco

ޚަބަރު

އަލްސަން ކުއްލިގޮތަކަށް މި ދުނިޔެ ދޫކުރުމުގެ ކުރިން އަޝްފާ ވަނީ މަރު ހަނދާންކޮށްދީފައި

އަލްސަން ކުއްލިގޮތަކަށް މި ދުނިޔެ ދޫކުރުމުގެ ކުރިން އަޝްފާ ވަނީ މަރު ހަނދާންކޮށްދީފައި

އެކްސިޑެންޓުގައި ނިޔާވި އަލްސަން އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ޖުލައި 2025، 06:46

14 ޖުލައި 2025، 06:46

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ރާއްޖޭގައި މަޝްހޫރު ދެ ފަންނާނުން ކަމުގައިވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު، އަލްސަން މުޙައްމަދުއެވެ. މި ކުއްލި މަރާއި އަލްސަން ކުރިމަތިލާން ޖެހުނުއިރު، ވަގުތު އައިސް ޖެހުމުން އެކަކަށް ވެސް މަރާ ފިލަން ނުދެވޭނެކަމަށް އޭނާގެ މަންމަ ވަނީ އިއްޔެގެ މެންދުރުފަހު ހަނދާންކޮށްދީފައެވެ.

އިއްޔެގެ މެންދުރުފަހު އިންސްޓަގްރާމްގެ ސްޓޯރީގައި މަރާ ގުޅޭ ވީޑިއޯއެއް އަޝްފާ ޙިއްސާކޮށްފައިވާއިރު، އެ ވީޑިއޯއިން ދިން މެސެޖަކީ، މަރުގެ މަލާއިކަތާ އައުމުން، އެއްވެސް ލަހެއްފަހެއް ނެތި މަރުހިއްޕެވޭނެކަމެވެ. އަދި އެ ކަމުގައި ދެން ހެދޭނެ އިތުރު އެއްވެސް ގޮތެއް ނޯންނާނެ ވާހަކައެވެ.

އޭގެ ގާތްގަނޑަކަށް 8 ގަޑިއިރު ފަހުން، އަލްސަންއާ ކުރިމަތިލާން ޖެހުނީ އެ ޙަޤީޤަތާއެވެ. އޭނާ އާއި އެހެން ކުއްޖަކު ބޮޑުތަކުރުފާނު މަގުން ސައިކަލުގައި ދަނިކޮށް، މަގުމަތީގައި ދުވަން އުޅުނު މީހެއްގެ ގައިގާޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ. އަދި މި އެކްސިޑެންޓުގައި އަލްސަންއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ މި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހުނީއެވެ. ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ. ކުޑަ ހިދުކޮޅެއްގެ ތެރޭގައި އަޝްފާ އާއި ތޭރަވާގެ އެތަކެއް އުއްމީދެއް ފުނޑުފުނޑުވީއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، މާފަންނު ބަސް ޓާރމިނަލް ކުރިމަތީގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގާ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިފައިވާކަމަށެވެ. އަދި އެ މީހާ ގައިގާ ޖެހުމަށްފަހު ސައިކަލު ވަނީ އެ މަގުން އަނެއް ކޮޅަށް ދަތުރުކުރި ޕިކަޕެއްގައި ޖެހިފައި ކަމަށެވެ. 

އަދި މި ހާދިސާގައި ސައިކަލުގައި ތިބި ދެ ކުދިންނަށާއި ދުވެފައި މަގު ހުރަސްކުރި މީހާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާއިރު، އޭގެ ތެރެއިން އުމުރުން 17 އަހަރުގެ ޒުވާނާ ނިޔާވެފައިވާކަމަށް، އޭގެ އިރުކޮޅެއް ފަހުން ފުލުހުން ހާމަކުރިއެވެ. ސައިކަލުގައި ދެން އިނީ 16 އަހަރުގެ ކުއްޖެކެވެ. އަދި މަގު ހުރަސްކުރަން އުޅުނީ 40 އަހަރުގެ ފިރިހެނެކެވެ. 

އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ދުވަން އުޅުނު މީހަކު ރަނގަޅަށް މަގުގެ ދެކޮޅަށް ނުބަލާ މަގު ހުރަސް ކުރަން ކަފިހި ހުރަސް މައްޗަށް ނިކުތުމުން، އޭނާ ސަމާލުކަން ދިން ފަރާތް ނޫން އަނެއް ފަރާތުން ބާރު ސްޕީޑުގައި އައި ސައިކަލު އޭނާގެ ގައިގާ ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލު ވެއްޓެއެވެ. އެއް ކުއްޖަކު ޕިކަޕު ދަށުވިއިރު، ދެ ވަނަ ކުއްޖާ ޕިކަޕުގެ އެއް ފަރާތަަށް ވިއްސައިގެން ދިޔައީއެވެ.

މި އެކްސިޑެންޓުގައި ދެން އަނިޔާވި ދެ މީހުންގެ ހާލު ވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން