ސައިންސް / ދުނިޔެ
ނިއުޔޯކްގެ ސޮތަބީސް އިން މާސްގެ ބޮޑު ހިލައެއް ނީލަމަށް، ޑައިނޯސަރގެ ކަށިގަނޑެއް ވެސް ހިމެނޭ

މާސް އިން ލިބުނުކަމަށް ބެލެވެ ހިލަ
މާސްގެ އެންމެ ބޮޑު ބައެއް ކަމަށް ބެލެވޭ ހިލައެއް، ނިއުޔޯކްގެ މަޝްހޫރު ނީލަން ކުންފުނި ސޮތަބީސް އިން މި ބުދަ ދުވަހު ނީލަން ކިޔަން ތައްޔާރުވެއްޖެއެވެ. 25 ކިލޯގެ މި ހިލަކޮޅު ނީލަމުގައި 2 މިލިއަން ޑޮލަރާއި 4 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ލަފާކުރެވެއެވެ. މި ނީލަމުގައި ޑައިނޯސަރއެއްގެ ބޮޑު ކަށިގަނޑެއް ވެސް ހިމެނެއެވެ.
"އެން.ޑަބްލިޔު.އޭ 16788" ގެ ނަމުން މަޝްހޫރުވެފައިވާ މި ހިލައަކީ، މާސް ގުރަހައިން ބިމަށް ވެއްޓުނު ތަކެތީގެ ތެރެއިން އެންމެ ބޮޑު ހިލަ ކަމަށް ސޮތަބީސް އިން ބުނެއެވެ. މީގެ ކުރިން ބިމުން ފެނުނު އެންމެ ބޮޑު މާސްގެ ބަޔަށްވުރެ 70 އިންސައްތަ ބޮޑު މި ހިލައަކީ، ބިމުގައި މިހާރު ހުރިމާސްގެ ހުރިހާ މާއްދާއެއްގެ 7 އިންސައްތައަށް އަރައެވެ. މި ހިލަކޮޅުގައި ހުރީ 375 މިލިމީޓަރު ދިގުމިން، 279 މިލިމީޓަރު ފުޅާމިން އަދި 152 މިލިމީޓަރު ބޯ މިނުގައެވެ.
ސޮތަބީސްގެ ސައިންސް އެންޑް ނެޗުރަލް ހިސްޓަރީގެ ވައިސް ޗެއަރމަން، ކަސަންޑްރާ ހެޓަން ވިދާޅުވީ، "މާސްގެ މި ހިލައަކީ ، އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައިވާ މާސްގެ އެންމެ ބޮޑު ބައި. އެހެންކަމުން، ކުރިން އެންމެ ބޮޑު ބައި ކަމަށް އަޅުގަނޑުމެން ހީކުރި ތަކެއްޗަށްވުރެ ދެގުނަ ބޮޑު މި ހިލައަކީ، އަބަދު ލިބޭނެ އެއްޗެއް ނޫން." ހެޓަން ވިދާޅުވީ ބިމުން ފެނިފައިވާ 77,000 އަށްވުރެ ގިނަ ހިލައިގެ ތެރެއިން މާސްއަށް ނިސްބަތްވާނީ އެންމެ 400 ހިލަ ކަމަށެވެ.
މި ހިލައަކީ، ވަރަށް ބޮޑު އެސްޓީރޮއިޑެއް ޖެހިގެން މާސްގެ ސަތަހައިން ބުރައިގެން ދިޔަ ބައެއް ކަމަށް ބެލެވެއެވެ. އެއަށްފަހު 225 މިލިއަން ކިލޯމީޓަރު ދަތުރުކޮށް، ސަހަރާގެ ބިމަށް ވެއްޓުނެވެ. ނީލަން ކުންފުނިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނީޖަރގައި ހުރި ހިލަ ހޯދާ މީހަކަށް މި ހިލަ ފެނިފައިވާ ކަމަށެވެ.
މި ހިލައިގެ ކުޑަ ބައެއް ނަގައި، ޚާއްސަ ލެބަކަށް ފޮނުވުމުން މިއީ މާސްގެ ބައެއްކަން ކަށަވަރުވެފައިވެއެވެ. 1976 ވަނަ އަހަރު މާސްއަށް ފޭބި ވައިކިންގ ޖައްވީ ދަތުރުފަތުރުގެ ތަހުލީލުތަކުން ފެނުނު މާސްގެ ހިލައިގެ ކެމިކަލް ކޮމްބިނޭޝަންއާއި މި ހިލައިގެ ކޮމްބިނޭޝަން އެއްގޮތްކަން ފާހަގަކުރެވިފައިވެއެވެ. މި ހިލައަކީ "އޮލިވައިން-މައިކްރޯގަބްރޮއިކް ޝަރްގޮޓައިޓް" ގެ ބާވަތުގެ ހިލައެއް ކަމަށާއި، މިއީ މާސްގެ މެގްމާ ފިނިވުމުން އުފެދޭ ބާވަތެއް ކަމަށް ތަހުލީލުތަކުން ދައްކައެވެ.
މި ހިލަ މީގެ ކުރިން އިޓަލީގެ ޖައްވީ އެޖެންސީގެ ރޯމްގައި ހުންނަ މަރުކަޒުގައި ދައްކާފައިވެއެވެ. އެހެންނަމަވެސް މި ހިލައިގެ ވެރިފަރާތެއް ސޮތަބީސް އިން ހާމަކޮށްފައެއް ނުވެއެވެ.
މި ނީލަމުގައި ދެން ހިމެނޭ މުހިއްމު އެއްޗަކީ، ޒުވާން ސެރަޓޯސޯރަސް ޑައިނޯސަރއެއްގެ ކަށިގަނޑެކެވެ. މީގެ 150 މިލިއަން އަހަރު ކުރިން ނިމިގެންދިޔަ ޖުރާސިކް ދުވަސްވަރުގެ މި ކަށިގަނޑު ހުރީ 2 މީޓަރަށްވުރެ އުސްކޮށް އަދި 3 މީޓަރަށްވުރެ ދިގުކޮށެވެ. މި ކަށިގަނޑު 4 މިލިއަން ޑޮލަރާއި 6 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ލަފާކުރެވެއެވެ.
މި ކަށިގަނޑު 1996 ވަނަ އަހަރު ވައިއޯމިންގ ގެ ލަރާމީ ކައިރީގައި ހުންނަ ބޯން ކެބިން ކުއަރީ އިން ފެނިފައިވެއެވެ. ޑައިނޯސަރގެ 140 އަށްވުރެ ގިނަ ކަށިތައް އެއްކޮށް، ބައެއް ބައިތައް އައުކޮށްފައިވެއެވެ. މި ކަށިގަނޑު މިދިޔަ އަހަރު ވަނީ ޔޫޓާގައި ހުންނަ ފޮސިލް ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވާ ފޮސިލޮޖިކް އިން ގަނެފައެވެ.
މި ބުދަ ދުވަހުގެ ނީލަމަކީ ސޮތަބީސްގެ "ގީކް ވީކް 2025" ގެ ތެރޭގައި ހިމެނޭ އެއް ބައެކެވެ. މި ނީލަމުގައި ހިލައާއި، ފޮސިލްތަކާއި، އަގުބޮޑު މިނަރަލްތައް ހިމެނޭ ގޮތަށް ޖުމްލަ 122 އެއްޗެއް ނީލަން ކުރެވޭނެއެވެ.