Ads by Stelco

ޚަބަރު

ސޯސަންވިލާގެ މުޤައްރަރަށް ގެނެވުނު ބަދަލުތަކުން ދިވެހި ދަރިވަރުންގެ ނަތީޖާ ރަނގަޅުވެއްޖެ!

ސޯސަންވިލާގެ މުޤައްރަރަށް ގެނެވުނު ބަދަލުތަކުން ދިވެހި ދަރިވަރުންގެ ނަތީޖާ ރަނގަޅުވެއްޖެ!

ސްރީ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހީން ފޮޓޯ: ރާއްޖެ އެމްވީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖުލައި 2025، 02:54

13 ޖުލައި 2025، 02:54

ސްރީލަންކާގެ ކޮލަންބޯގައި ހުންނަ ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން ދިވެހި ތަޢުލީމީ ދާއިރާއަށް ގެނެސްފައިވާ އައު ބަދަލުތަކުގެ ސަބަބުން ދިވެހި ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށް އެ ސެންޓަރުން ޚަބަރުދީފިއެވެ. މި ބަދަލުތަކާއެކު، ހަމަ ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދޭ ފަދަ ތަޖުރިބާއެއް ލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ލިބެމުންދާކަމަށް ބެލެނިވެރިންނާއި މުދައްރިސުން ފާހަގަކުރެއެވެ.

މި ސެންޓަރަކީ ރާއްޖެއާއި ލަންކާގެ ދެމެދުގައި އޮންނަ ޒަމާނީ ރަހުމަތްތެރިކަން އާލާކޮށް ދިރުވުމަށްޓަކާ، އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ރާއްޖޭގެ ސަޤާފީ ކަންތައްތައް ދިރުވާ އާލާކުރުމަށްޓަކާ ހިންގާ މަރުކަޒެކެވެ. މި ސެންޓަރުން ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނަށްވެސް ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. އެގޮތުން ލަންކާގެ ރައްޔިތުންނަށް ދިވެހި ބަސް ދަސްކޮށްދޭ ކުރު ކޯސްތަކާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސިންހަޅަބަސް ދަސްކޮށްދިނުމަށް ހިންގާ ކުރު ކޯސްތަކާއި، ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯސްތަކާއި، ޑްރާމާ ލިޔުމާއި ހުށަހެޅުމާއި، ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް އިސްލާމާއި، ދިވެއްސާއި ޤުރުއާން ފައުންޑޭޝަން ސްޓޭޖުން ފެށިގެން އެސް.އެސް.ސީ ފެންވަރަށް ކިޔަވައިދިނުމަށް ތަފާތު ފެންވަރުގެ ކޯސްތައް ހިންގައެވެ.

ސްރީލަންކާގައި އުޅޭ ދިވެހި ބަހުގެ މުދަރިއްސެއްކަމަށްވާ މަރްޔަމް ޚަލީލް ޤައުމީ ޓީވީއަށް ވިދާޅުވީ، ސޯސަންވިލާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަމަ ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދޭ ދިނުމާ މާބޮޑު ތަފާތެއް އިޙްސާސެއް ނުކުރެވޭނެކަމަށެވެ. މާލޭގެ ސްކޫލްތަކުގައި ހިންގާފަދަ ބަހާއި އަދަބިއްޔާތާ ގުޅުންހުރި ތަފާތު ހަރަކާތްތައްވެސް ސޯސަންވިލާގައި ހިންގާކަން މަރްޔަމް ފާހަގަކުރެއްވިއެވެ. "މަދަހަ މުބާރާތް، ޤުރުއާން މުބާރާތް، އަދި އަދަބީ ފޯވަހިފަދަ އެކިއެކި ކަންކަންވެސް މިތަނުގައި ވަރަށް ހިނގަމުންދަނީ. ހަމައެއާއެކީގައި މާލޭގެ ސްކޫލްތަކުގައި ފާހަގަކުރާ ޢީދު، ޤައުމީ ދުވަސް، ޖުލައި 26 މިފަދަ ދުވަސްތައްވެސް އަޅުގަނޑުމެން މާލެއެކޭ އެއްގޮތަށް މިތަނުގައި ފާހަގަކުރަމުންދަނީ." މަރްޔަމް ޚަލީލް ވިދާޅުވިއެވެ.

ސެންޓަރުގެ މުޤައްރަރަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބެއްކަމަށް މަރްޔަމް ޚަލީލް ފާހަގަކުރެއްވީ، އެސް.އެސް.ސީ އިމްތިޚާނަށް ކުދިން ތައްޔާރުކުރަމުންދިޔައިރު ކުދިންގެ ފެންވަރު އެސް.އެސް.ސީ އިމްތިޚާނަށް ނުފެތޭއީއާ، ދަށް ގްރޭޑްތަކުގައި އުޅޭ ކުދިންގެ މެދުގައި ދިވެހިބަހަށް ކޮށިވުންކަމަށެވެ. އެހެންކަމުން މުޤައްރަރަށް ބަދަލު ގެނައުމުގައި އެންމެ ބޮޑަށް ބެލީ ތަފާތު އުމުރުފުރާގެ ކުދިންވެސް ދިވެހި ބަހާއި އަދަބީ ފަންނަށް ފަރިތަވެ ޝައުގުވެރިވާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މުޤައްރަރު މިހާރު އެކުލެވިފައިވާގޮތް:

ދާލަ (ފައުންޑޭޝަން ސްޓޭޖާއި، ގްރޭޑް 1 އަދި 2): މި ފިޔަވަހީގައި ދަރިވަރުންނަށް ކިޔަވައިދޭނީ ޤުރުއާނާއި ދިވެހި ބަހެވެ. ދާލަ 1 (ނާސަރީ، އެލްކޭޖީ، ޔޫކޭޖީ) ގައި އަކުރު ދަސްކޮށްދިނުމާއި، ފިލިކިޔަން ދަސްކޮށްދިނުމުގެ އިތުރު ކުދި ޖުމްލަ ހަދަން ދަސްކޮށްދެއެވެ. ދާލަ 2 (ގްރޭޑް 1، 2) ގައި ތަފާތު ފެންވަރުގެ ޖުމްލަ ހެދުމާއި ޕްރެގްރާމް ލިޔަން ދަސްކޮށްދެވޭނެއެވެ.

ކޯދު (ގްރޭޑް 3، 4 އަދި 5): މި ބައިގައި ޤުރުއާނާއި ދިވެހިބަހެވެ. ދިވެހި ބަސް ކިޔަވައިދިނުމުގައި އިސްލާމް ފިލާވަޅުތައްވެސް ހިމެނޭހެން ކިޔަވައިދެވޭނެއެވެ. އަދި ދިވެހި ތާރީޚާއި ދިވެހި ޤައުމިއްޔަތުގެ މަޢުލޫމާތުތައްވެސް ދެވޭނެއެވެ.

ފަނާރު (ގްރޭޑް 6، 7 އަދި 8): މި ފިޔަވަހީގައި ޤުރުއާން، ދިވެހިބަސް އަދި އިސްލާމް މާއްދާ ވަކިވަކިން ކިޔަވައިދެވޭނެއެވެ. ރާއްޖޭގައި މި ގްރޭޑްތަކުގައި ކިޔަވައިދޭ މުޤައްރަރަށް މި ފިޔަވަހީގައި ކިޔަވައިދެވެއެވެ.

ކުރިބޯށި (ގްރޭޑް 9 އަދި 10): މި ފިޔަވަހީގައި ދިވެހިބަސް އަދި އިސްލާމް މާއްދާއެވެ. މި ދެ މާއްދާވެސް ކިޔަވައިދެވޭނީ ރާއްޖޭގައި މި ގްރޭޑްތަކުގައި ކިޔަވައިދޭ މުޤައްރަރަށެވެ.

މުޤައްރަރަށް ގެނެވުނު ބަދަލުތަކާއެކު އެކަމުގެ ހެޔޮ އަސަރު ދަރިވަރުންގެ ނަތީޖާތަކުންވެސް މިހާރު ފެންނަމުންދާކަން މަރްޔަމް ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުގެ އެސްއެސްސީ އިމްތިޚާނުންވެސް ސޯސަންވިލާއިން ބައިވެރިވި ދަރިވަރުންގެ %100 ދިވެހިން ފާސްވެފައިވާކަމަށް މަރްޔަމް ޚަލީލް ވިދާޅުވިއެވެ.

މިހާރުވެސް އަޅުގަނޑުމެންނަށް ބައެއް ބެލެނިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކް އެބަލިބޭ. ޚާއްސަކޮށް ދާލަ 1،2 ގެ ކުދިންނަށް ވަރަށް ގިނަ ލަފްޒުދަސްވިކަމަށް ޓީޗަރުންނާއި ބެލެނިވެރިންވެސް ފާހަގަކުރައްވާ  

މަރްޔަމް ޚަލީލް


ސޯސަންވިލާގައި މިހާރު ކިޔަވައިދެމުންދަނީ ހަފްތާއަކު 3 ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ސޯސަންވިލާގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ހަރަކާތްތަކާމެދު ހިތްހަމަޖެހޭކަން އެތަނަށް ދަރިވަރުން ކިޔަވަން ފޮނުވާ ބެލެނިވެރިންވެސް ފާހަގަކުރެއެވެ. 

ސޯސަންވިލާގައި ހިންގާ މި މަރުކަޒުގެ އަމާޒަކީ ރާއްޖެއާއި ލަންކާއާ ދެމެދުގައި އެކުވެރިކަން އާލާކުރުމުގެ އިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ މެދުގައި ރާއްޖޭގެ ސަޤާފަތާއި އާދަކާދަ ދިރުވާ އާލާކުރުމެވެ. އަދި އެ މަރުކަޒުން ކިޔަވާ ކޮންމެ ދަރިވަރަކީވެސް ދިވެހި ޤައުމާއި ޤައުމިއްޔަތަށް ލޯބިކުރާ، ދިވެހިވަންތަ ސިފަތަކެއް އަށަގެންފައިވާ، އެއްބައިވަންތަ، އުފެއްދުންތެރި އަދި ތަހުޒީބު ދަރިންތަކަކަށް ހެދުންކަމަށް އެ މަރުކަޒުން ބުނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން