ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕިއުޓިކް ފަރުވާއަށް ޖޫން މަހު 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި: އެންސްޕާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ފޮޓޯ: އެޑިޝަން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕިއުޓިކް ފަރުވާއަށް މިދިޔަ ޖޫން މަހު އެކަނިވެސް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ޚަރަދުތައް ކުރެވިފައިވަނީ މިފަދަ ފަރާތްތަކުގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހު ޖުމްލަ 108 މީހަކަށް ތެރަޕިއުޓިކް ފަރުވާ ފޯރުކޮށްދިނުމަށް އެޖެންސީން ވަނީ 4,055,281 ރުފިޔާ ޚަރަދުކޮށްފައެވެ. މި ފަރުވާ ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 72 ފިރިހެނުންނާއި 36 އަންހެނުންނެވެ.
ޖޫން މަހު ޚަރަދުކުރެވުނު ތެރަޕީގެ ބާވަތްތަކާއި އެ ބާވަތްތަކަށް ޚަރަދުކުރެވުނު އަދަދުތައް ތަފްޞީލުކޮށް ތިރީގައި މިވަނީއެވެ.
- ބިހޭވިއަރ ތެރަޕީ: 63 ފަރާތަކަށް 1,106,650 ރުފިޔާ
- އޮކިއުޕޭޝަނަލް ތެރަޕީ: 72 ފަރާތަކަށް 1,222,776 ރުފިޔާ
- ސްޕީޗް ތެރަޕީ: 61 ފަރާތަކަށް 1,022,420 ރުފިޔާ
- އެޑިއުކޭޝަނަލް ތެރަޕީ: 39 ފަރާތަކަށް 603,925 ރުފިޔާ
- ސައިކޯ ތެރަޕީ: 4 ފަރާތަކަށް 42,000 ރުފިޔާ
- ފިޒިއޯ ތެރަޕީ: 2 ފަރާތަކަށް 20,110 ރުފިޔާ
- އަރލީ އިންޓަވެންޝަން: 5 ފަރާތަކަށް 37,400 ރުފިޔާ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 675 ފަރާތަކަށް 25.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ތެރެޕިއުޓިކް ފަރުވާއަށް 96.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި އަދަދުތަކުން ދައްކުވައިދެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް އިތުރުވަމުންދާ ކަމާއި، އެކަމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރެވެ.
ރާއްޖޭގައި މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14,412 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 8,384 ފިރިހެނުންނާއި 6,028 އަންހެނުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" ގެ ނަމުގައި ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވަނީ، މި ޕްލޭނާއެކު އެމީހުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.