ދުނިޔެ
ޓައިޓެނިކް' އާ އެއްވަރުގެ ބޮޑުގަނޑުފެންގަނޑެއް ނުރައްކާތެރި މިންވަރަކަށް ރަށަކާއި ކައިރިވެއްޖެ

ގްރީންލޭންޑްގެ އިންނާރސުއިޓް އަދި ގަނޑުފެންގަނޑު
ގްރީންލެންޑްގެ ހުޅަނގު ފަރާތުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ އިންނާރސުއިޓް ކައިރިއަށް، 'ޓައިޓެނިކް' އާއި އެއްވަރުގެ ބޮޑު ގަނޑުފެންގަނޑެއް ނުރައްކާތެރި ގޮތަކަށް ކައިރިވެއްޖެ އެވެ. މި ބޮޑު ގަނޑުފެންގަނޑުގެ ސަބަބުން ރަށުގެ ގޯތިގެދޮރުގެ ސަލާމަތަށް ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށް ނިއުޔޯކް ޕޯސްޓްގެ ރިޕޯޓްތައް ބުނެ އެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް އިންޒާރު ދީފައެވެ.
މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ އިންނާރސުއިޓްގައި ދިރިއުޅޭ ރައްޔިތުން މިހާރު ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ، ފެންގަނޑު ރަށުގައި ޖެހިއްޖެ ނަމަ، އެތައް ބައިވަރު ގެއްލުންތަކެއް ލިބި، ބޮޑެތި ރާޅުތަކެއް އުފެދި، ރަށްއަޑިއަށްދިއުމުގެ ބިރު އޮތުމެވެ.ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރަށަށް ކަނޑުމަގުން ދަތުރުކުރާއިރު ގަނޑުފެންގަނޑާ ގާތް ނުވުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.
އާންމުކޮށް، ބޮޑެތި ގަނޑުފެންގަނޑުތައް ދެތިން ދުވަހުގެ ތެރޭގައި އެހެން ދިމާލަކަށް ދާ ކަމަށް ވިޔަސް، މި ގަނޑުފެންގަނޑު ހުރީ އެއް ހަފްތާއެއްހާ ދުވަހު ހަރަކާތްނުކޮށް އެއް ތަނެއްގައެވެ. މިއީ ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ. "މިކަމާ ގުޅިގެން ކައުންސިލުން ގަނޑުފެންގަނޑާބެހޭ ރަސްމީ އިންޒާރު ނެރެފައިވާއިރު، މީހުން މަސައްކަތްކުރާ މަސް ކާރުޚާނާ އާއި ކުޑަ ފިހާރަ ވަގުތީ ގޮތުން ވަނީ ބަނދުކޮށްފައެވެ.
އިންނާރސުއިޓް އަށް ބޮޑު ގަނޑުފެންގަނޑެއްގެ ނުރައްކާ ކުރިމަތިވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު ވެސް، ޖައްވުން ވެސް ފެންނަހާ ބޮޑު ފެންގަނޑެއް މި ރަށާ ނުރައްކާތެރި ގޮތަކަށް ކައިރިވެފައިވެ އެވެ. ނަމަވެސް، އެފަހަރު އެ ފެންގަނޑު ވަނީ ރަށާ ދުރަށް ޖެހި، އެއްވެސް ގެއްލުމެއް ނުލިބި ގޮއްސައެވެ.
މީގެ އިތުރުން، މިދިޔަ މަހު ކެނެޑާގެ ލެބްރަޑޯރ ކައިރިން ވަރަށް މަދުން ފެންނަ ކަޅުކުލައިގެ ގަނޑުފެންގަނޑެއް ފެނިފައިވެ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ހިނގައިފައިވާއިރު، މި ގަނޑުފެންގަނޑުގެ އަސްލާއި ތާރީޚާ ގުޅޭގޮތުން އެތައް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
ގިނަ ގަނޑުފެންގަނޑުތައް ހުދުކޮށް ފެންނަނީ އެތެރޭގައި ހިފެހެއްޓިފައި ހުންނަ ކުދިކުދި ވައިގެ ޖާގަތަކުގެ ސަބަބުން އަލި ފަތުރައިދޭތީ އެވެ. ނަމަވެސް، ބައެއް ގަނޑުފެންގަނޑުތައް ކަޅު ނުވަތަ އަޅިކުލައިގައި ފެންނަނީ، އައިސްގަނޑު ގަނޑުވާއިރު، އޭގެ ތެރެއަށް މަށި ނުވަތަ އެހެނިހެން ކަޅު މާއްދާތައް ފޯރާތީ އެވެ.