Ads by Stelco

ޚަބަރު

އެސްޑީއެފްއިން އިންވެސްޓުކޮށް ލޯނު ދޫކުރީ އެ ފަންޑުގެ މަޤުސަދުތަކާ ޚިލާފަށް: އޮޑިޓު

އެސްޑީއެފްއިން އިންވެސްޓުކޮށް ލޯނު ދޫކުރީ އެ ފަންޑުގެ މަޤުސަދުތަކާ ޚިލާފަށް: އޮޑިޓު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ޖުލައި 2025، 07:51

13 ޖުލައި 2025، 07:51

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ، އެ ފަނޑުގެ މަޤުސަދުތަކާ ޚިލާފަށް ޓީ ބިލް ގަތުމަށާއި ސަރުކާރުގެ ކުންފުނިތަކަށް ލޯނު ދޫކުރުމަށް 2017 އިން 2023 ވަނަ އަހަރާއި ހަމައަށް ބޭނުންކޮށްފައިވާކަމަށް،  އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު "ރިވިއު އޮފް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު 2017 ޓު 2023" ރިޕޯޓުގައި ހާމަކޮށްފިއެވެ.

ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދަރަނި ދައްކަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން އުފެއްދި މި ފަންޑުގައި ފުރަތަމަ ފައިސާ ރައްކާކުރަމުން އައީ އެމެރިކާ ޑޮލަރުންނެވެ. ނަމަވެސް އެ ފަންޑުގައި ހުރި ފައިސާ ވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއޭ) އާއި މާލީ ވުޒާރާއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ދިވެހި ފައިސާއަށް ބަދަލުކުރަން ފަށާފައެވެ. 

މިކަމުގެ ސަބަބުން 2023 ނިމުނުއިރު އެސްޑީއެފްގައި ހުރި ޖުމްލަ ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ބަލާނަމަ 7.4 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން 65 އިންސައްތަ ހުރީ ދިވެހި ރުފިޔާއިންނެވެ. އެއީ ގާތްގަނޑަކަށް 4.9 ބިލިޔަން ރުފިޔާއެވެ. އަދި ޑޮލަރުން ހުރީ 35 އިންސައްތައެވެ. 

މި ފަންޑުގެ ސައިޒު އަހަރުން އަހަރަށް ބޮޑުވަމުން އައި ނަމަވެސް، ފަންޑަށް ފައިސާ ޖަމާކުރަން ފެށީއްސުރެއް ފަންޑުގައި ހުރި ފައިސާއިން އައީ އެކި ކަންކަމަށް އިންވެސްޓުކުރަމުންނެވެ. އެގޮތުން އޮޑިޓުގައި ބުނި މުއްދަތު ނިމުނުއިރު ފަންޑުގައި ހުރި ފައިސާގެ 88 އިންސައްތަ އިންވެސްޓުކޮށްފައިވެއެވެ. 

މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރީ ޓީ ބިލްތަކަށް އިންވެސްޓުކުރުމަށެވެ. އެގޮތަށް މިކަމަށް 6.566 ބިލިޔަން ރުފިޔާ އިންވެސްޓުކޮށްފައިވެއެވެ. މީގެ ތެރެއިން ޑޮލަރުން ޓީ ބިލް ގަތުމަށް 138.74 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު،  4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދިވެހި ރުފިޔާއިންނެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކަށް ލޯނު ދިނުމަށާއި އިންޓްރެސްޓް އާމްދަނީ ލިބޭ ގޮތަށް ހުންނަ މާލީ އިދާރާތަކުގެ ފިކްސްޑް ޑިޕޮސިޓުތަކުގައި ވެސް ފައިސާ އިންވެސްޓުކޮށްފައިވެއެވެ. 

އެސްޑީއެފްގައި ހުރި ފައިސާ އިންވެސްޓު ކުރި މުއްދަތުތަކަށް ބަލާއިރު، 2019 ގެ ނިޔަލަށް އިންވެސްޓުމަންޓުގެ ގޮތުގައި އެ ފަންޑުން ފައިސާ ބޭރުކުރީ ނިސްބަތުން ވަރަށް މަދުންނެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަން ކުރިމަތިވި 2020 އިން ފެށިގެން ހުރިހާ އަހަރެއްގައި ފަންޑަށް ޖަމާވި ފައިސާގެ ބޮޑު ބައެއް ވަނީ ބޭނުންކޮށްފައެވެ. އެއީ އިންވެސްޓުކުރުމަށާއި، ލޯނުގެ ގޮތުގައި ދޫކުރުމަށެވެ.

އަދި މީގެން ބޮޑު ބައެއް ޓީބިލްތަކަށް އިންވެސްޓުކޮށްފައިހުރެމެ، 2025 އަދި 2026 ވަނަ އަހަރު ދަރަނީގެ ބޮޑު އަދަދެއް ދައްކަން ޖެހޭއިރު، ޓީ ބިލަށް މިގޮތަށް އިންވެސްޓްކުރުމުން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގައި ދަތިވެގެންދާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

2017ގައި އުފެއްދި މި ފަންޑުން އެންމެ ފުރަތަމަ ލޯނެއް ދޫކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށެވެ. 2018 ވަނަ އަހަރު ދޫކުރި މި ލޯނުގެ އަދަދަކީ 94 މިލިއަން ރުފިޔާއެވެ. އަދި ޖެހިގެން އައި 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ވެސް އެޗްޑީސީއަށް ވަނީ 112 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައެވެ. 

އެޗްޑީސީއަށް ދޫކުރި ލޯނުތަކުގެ ތެރެއިން ފުރަތަމަ ލޯނަކީ، އޭޕްރީލް 2019ގެ ނިޔަލަށް އަދާކުރަން ޖެހޭ ލޯނެކެވެ. ދެވަނަ ލޯނަކީ ޑިސެމްބަރު، 2021 ގެ ނިޔަލަށް އަދާކުރަން ޖެހޭ ލޯނެކެވެ. ނަމަވެސް އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި އެޗްޑީސީން އެއްވެސް ފައިސާއެއް އަނބުރާ ދައްކާފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. 

އަދި އޭގެ ފަހުން ސަރުކާރާއި އެޗްޑީސީއާ ދެމެދު ޑިފަރަލް އެއްބަސްވުމެއް ހަދައި، ލޯނު ދައްކަންޖެހޭ މުއްދަތު ވަނީ ދަންމާލާފައެވެ. ފަހުން އެއްބަސްވީ، އެޗްޑީސީން ނެގި ލޯނުތަކަށް އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދެއްކުމަށް 2022 އިން ފެށިގެން 2035 ވަނަ އަހަރާ ހަމައަށް 13 އަހަރުގެ މުއްދަތެއް ދިނުމަށާއި، ޕްރިންސިޕަލް އަދަދު 2030 ގެ ތެރޭގައި ދެއްކުމަށެވެ. 

އެހެންކަމުން މި އެއްބަސްވުމަކީވެސް އެސްޑީއެފްގެ މަޤުސަދާ ޚިލާފުކަމެއްކަމަށް އޮޑިޓަރުން ވަނީ ފާހަގަކޮށްފައެވެ. އެއީ ބޮޑެތި ދަރަނިތަކެއް ބޯމަތިވެފައި ހުރި މުއްދަތުގެ ތެރޭގައި އަނބުރާ ފައިސާ ނުލިބޭ ގޮތަށް އެއްބަސްވުމެއް ހެދުމުންނެވެ. 

އެޗްޑީސީގެ އިތުރުން މޯލްޑިވްސް އެއާރޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށާއި ކޮވިޑު ރިލީފު ފަންޑަށް ވެސް އެސްޑީއެފްއިން ލޯނު ދޫކޮށްފައިވެއެވެ. މި ދެ ލޯނަކީ ވެސް އެމެރިކާ ޑޮލަރުން ދޫކުރި ލޯނުތަކެކެވެ. އެމްއޭސީއެލްއަށް ދޫކުރި 16 މިލިއަން ޑޮލަރުގެ ލޯނު އެ ކުންފުނިން އަނބުރާ ދައްކާފައިވާއިރު، ކޮވިޑު ރިލީފު ފަންޑަށް ދޫކުރި 10 މިލިއަން ޑޮލަރުގެ ލޯނުގައި ބާކީ ދެއްކުމަށް އަދި މިލިއަނެއްހާ ޑޮލަރު އެބަހުއްޓެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ މިހާރަށް ވުރެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ފަންޑުން ފައިސާ އިންވެސްޓުކުރެވޭނެ ގޮތަށް ބަދަލުތައް ގެންނަން ލަފާދީފައެވެ. އަދި ފަންޑުގައި ހުރި ފައިސާއަކީ ދަރަނި ދައްކަން ޖެހޭ މުއްދަތުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ ކަމުގައި ހެދުން މުހިންމުކަމަށް ވެސް އޮޑިޓަރުން ފަހާގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން