ޚަބަރު
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

ގުޅީފަޅު ފޮޓޯ: ސޭވް މޯލްޑިވްސް

ފަރުދުން
12 ޖުލައި 2025، 12:54
12 ޖުލައި 2025، 12:54
ކ. ގުޅީފަޅުން ގޯތި ދޫކުރެވުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރަން، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ. ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ، ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަޙައްދުގައި، މިއަދު ހެނދުނު 9:30 ގައެވެ.
ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ޤުރުޢަތު ނަގާފައިވުމުގެ ސަބަބުން ކަމަށް އެވުޒާރާއިން ހާމަކުރިއެވެ. މިޤުރުޢަތު ނަގާފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު މާލޭގެ އުސްފަސްގަނޑު ސަރަޙައްދުގައެވެ. ވީމާ، ކުރިން ކަނޑައެޅުނު ޕްލޮޓްތައް މިހާރު ވަނީ އުވާލެވިފައެވެ.
މިއަދު ދޫކުރަން ފެށި ރަޖިސްޓްރީއާ ޙަވާލުވެ، ލިޔެކިޔުންތަކުގައި ސޮއިކުރުމަށް، އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއިންތިޒާމު ހަމަޖައްސާފައިވަނީީ "ހިޔާވެހި ޕޯޓަލް" ގެ ޛަރީއާއިންނެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ މަޢުލޫމާތު އެޕޯޓަލްގައި ހިމަނާފައިވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ރަޖިސްޓްރީއާ ޙަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަަޞްލު ގެންނަން ޖެހެއެވެ. ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަޞްލާއި، ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ ރައްޔިތު ކާޑުގެ އަޞްލު ގެންނަން ޖެހެއެވެ. މީގެއިތުރުން، މިފަރާތްތަކުން ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަޞްލު ގެނައުމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޝަރުޠުކޮށްފައިވެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓަށް ވުރެ ލަހުން ޙާޟިރުވެއްޖެ ނަމަ، ނުވަތަ ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވެއްޖެ ނަމަ، އެދުވަހުގެ އެޕޮއިންޓްމަންޓް ކެންސަލް ވާނެ ކަމަށެވެ. މިފަދައިން ވެއްޖެ ނަމަ، ރަޖިސްޓްރީ އާ ޙަވާލުވުމަށް އައު އެޕޮއިންޓްމެންޓެއް ހައްދަން ޖެހޭނެއެވެ. އެޕޮއިންޓްމެންޓަށް އެދޭ ފަރާތްތަކަށް، ޙާޟިރުވާން ޖެހޭ ތަނާއި ގަޑި "ހިޔާވެހި ޕޯޓަލް" އަދި އެސްއެމްއެސް މެދުވެރިކޮށް ފެންނާނެއެވެ.