Ads by Stelco

ޚަބަރު

ރާއްޖެއަށް ބޭނުންވާ ގިނަ ބޭސްތައް ނުގެނެވެނީ އެމްއެފްޑީއޭއިން ޙުއްދަ ނުލިބޭތީ

ރާއްޖެއަށް ބޭނުންވާ ގިނަ ބޭސްތައް ނުގެނެވެނީ އެމްއެފްޑީއޭއިން ޙުއްދަ ނުލިބޭތީ

ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: މަޖިލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖުލައި 2025، 09:15

01 ޖުލައި 2025، 09:15

ދިވެހިރާއްޖެއަށް ބޭނުންވާ ގިނަ ބޭސްތައް ނުގެނެވެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޤަވާއިދު އޮތް ގޮތުން ހުރިހާ ބޭހެއް ގެނައުމަށް ޙުއްދަ ނުލިބޭތީކަމަށް، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ހާޒިރުކުރުމުން އެ ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ، ޤަވާއިދުގައިވާ ގޮތުން މިހާރު އެ ކުންފުންޏަށް ގެނެވެނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ %30 ކަމުގައެވެ.

ޝިމާދު ވިދާޅުވީ އެމްއެފްޑީއޭގެ ޤަވާއިދު ބުނާގޮތުން އެއް ބޭހެއް ދެ ކުންފަޏަކުން ރާއްޖެ އެތެރެނުކުރެވޭ ކަމަށާއި، އެހެންކަމުން ބޭހެއް ގެނައުމަށް ފުރަތަމަ ރެޖިސްޓަރީކުރާ ކުންފުނި ފިޔަވައި، އެ ބޭސް އެހެން ކުންޏަކަށް ރާއްޖެ އެތެރެ ނުކުރެވޭ ކަމަށެވެ.

އެސްޓީއޯއިން ގެންނަނީ ބޭހުގެ 30 ޕަސެންޓު. ކޮންމެވެސް އެއް ފަރާތަކުން ބޭހެއް ރަޖިސްޓްރީކޮށްފިއްޔާ އެ ފަރާތަކުން ބޭސް އެތެރެކުރެވެނީ. އެމްއެފްޑީއޭގެ އުސޫލު އޮންނަ ގޮތުން އެ ބޭހެއް އެތެރެކުރެވެނީ ވެސް އެ ފަރާތަކަށް، އަނެއްކޮޅުން ސަޕްލަޔަރު ހުއްދަ ދެނީ އެންމެ ފަރާތަކަށް.

ޝިމާދު ވިދާޅުވިއެވެ.

އަދި މިއީ ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އެސްޓީއޯއަށް ނުހޯދިގެން އުޅޭ ސަބަބުކަމުގައި ޝިމާދު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން، އިޖުތިމާއީ ކޮމެޓީގެ މެންބަރަކު ބޭސް ގެނައުމުގެ ދައްޗަށް ޙައްލެއް ލިބޭނެ ތާރީޙެއް އެއްސެވުމުން، އެސްޓީއޯ އާއި އާސަންދަ އަދި އެންސްޕާއަށް ވެސް އެކަމުގައި ސާފު ޖަވާބެއް ދެވިފައެއް ނުވެއެވެ.

މި ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދު ވިދާޅުވީ، އެ ކުންފުންޏަށް އެތެރެނުކުރެވޭ 500 އަށްވުރެ ގިނަ ބޭސް އެބަހުރި ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ ބޭސް ހަމަކުރުން ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

ނިއުޝާދު އިތުރަށް ވިދާޅުވީ އެ ބޭސްތައް އެތެރެނުކުރެވޭތީ ޑޮކްޓަރުންނާ ވާހަކަދެއްކެވިއިރު އެއީ ޒަރޫރީ ހާލަތަކަށް ބޭނުންކުރަން ޖެހިދާނެކަމަށް ލިސްޓުގައި ހިމަނާފައިވާ ބޭސްތަކެއްކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަނެއް ބައި ބޭސްތަކަކީ އިމަޖެންސީ ހާލަތަކަށް، ޑަބްލިއުއެޗްއޯއިން ހުރިހާ ގައުމެއްގައި ވެސް ބަހައްޓަން ލާޒިމްކޮށްފައިވާ ބޭސްތަކެކެވެ. ނަމަވެސް އެ ބޭސްތަކުގެ ބަދަލުގައި އެހެން ބޭސްތަކެއް ހޯދާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ 5 ބާވަތެއް ފިޔަވައި އެހެން ހުރިހާ ބޭހެއް މި އަހަރުގެ މާރިޗު މަހު ލިބުނުކަމަށާއި، ނަމަވެސް ދެވަނަ ފަހަރު އެ ބޭސްތައް ހޯދަން ބެލިއިރު ބޭނުންވާ އަދަދަށް ބޭސް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.  

އެސްޓީއޯއިން ވަނީ ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ޔޫއެންޑީޕީއާ ގުޅިގެން ވެސް ރާއްޖެއަށް ބޭސް ގެންނަން ފަށައިފަ އެވެ. އޭގެ ތެރެއިން، ޔޫރަޕް ކޮލިޓީގެ ބައެއް ބޭސްތައް ރާއްޖެ ގެނެސްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން