ޚަބަރު
ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު %17 އަށް ބަދަލުކޮށްފި

ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޖެނެރަލް ސަރވިސް ޓެކްސް (ޖީއެސްޓީ) ރޭޓު %17 އަށް ބަދަލުކޮށްފިއެވެ. މި ބަދަލު ޖުލައި 1، 2025 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
މީރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލު ގެނެވިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު 7 ވަނަ އިސްލާޙުގެ ދަށުންނެވެ. މި ބަދަލާއެކު، ޓޫރިޒަމް ދާއިރާއިން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ނެގޭ ޖީއެސްޓީ ރޭޓު %16 އިން %17 އަށް އިތުރުވެގެންދާނެއެވެ.
އެގޮތުން، 1 ޖުލައި 2025 ނުވަތަ އެ ތާރީޚުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ އައު ރޭޓު ކަމަށްވާ %17 އިންސައްތައިގައެވެ. މީރާއިން ވަނީ 1 ޖުލައި 2025 އިން ފެށިގެން އައު ރޭޓުގައި ޖީއެސްޓީ ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށެވެ.
މީރާއިން އިތުރަށް ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރު އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖުލައި 00:00ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ %16 ގެ ރޭޓުންނެވެ. އަދި 1 ޖުލައި 00:00ގައި ނުވަތަ އޭގެފަހުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަންވާނީ %17 އިންސައްތައިގެ ރޭޓުންކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރކޮށްފައިވާ އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖުލައިގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.