ޚަބަރު
ރާއްޖޭގެ ފަތުރުވެރިކަމަކީ ސިންގަޕޫރުން ތަޖުރިބާ ހޯދަން ބޭނުންވާ ނަމޫނާއެއް: ސިންގަޕޫރުގެ ރައީސް

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް، ފޮޓޯ: ރައީސް އޮފީސް
ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަކީ ސިންގަޕޫރުން ތަޖުރިބާ ހޯދަން ބޭނުންވާ ލާމަސީލު ނަމޫނާއެއްކަމަށް ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ރައީސް މިހެން ވިދާޅުވީ، އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިންގަޕޫރުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ވާހަކަތައް ދެކެވޭއިރު، ދެޤައުމުގެ ތަޖުރިބާތަކުން ކޮންމެ ޤައުމަކަށް ހާސިލްކުރެވިދާނޭ މުހިންމު ދާއިރާތައް އެބަހުއްޓެވެ. އެގޮތުން މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ ދިވެހިރާއްޖެއާ ޙިއްޞާކުރެވިދާނެ ތަޖުރިބާތައް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް އެ މަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، ޚާއްޞަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފައެވެ.