Ads by Stelco

ޚަބަރު

ސިންގަޕޫރުގެ ރައީސްގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސިންގަޕޫރުގެ ރައީސްގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސިންގަޕޫރުގެ ރައީސްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

30 ޖޫން 2025، 10:04

30 ޖޫން 2025، 10:04

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް ވަނީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ އެ ޤައުމަށް ވަޑައިގެންނެވީތީ އުފާފާޅުކުރައްވާކަމަށް ވިދާޅުވެ، އެކަމަށް ޝުކުރު ދަންނަވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުން، އަދި ވަކިން ޚާއްޞަކޮށް ރައީސް ޝަންމުގަރަނަމްގެ ފަރާތްޕުޅުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރާ ގުޅޭ މުނާސަބާއާ ގުޅިގެން، ފާއިތުވީ ތާންގައި ކަން ހިނގާފައިވާ ގޮތަށް ނަޒަރުހިންގާލުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމް ފާޅުކުރައްވާފައެވެ.  އަދި ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތް ގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތަޢުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤުތިޞާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ގައި ސިޔާސީ ގުޅުން ގާއިމުވިފަހުން، ފާއިތުވި 50 އަހަރުގެ ދިގު ދަތުރުގައި ދެ ޤައުމުގެ ދެމެދުގައި ހިނގާފައިވާ މުހިންމު ކަންކަމާއި، ހާސިލުވި ކުރިއެރުންތައް ހިމެނޭ ހަނދާނީ ފޮތެއް ރައީސް ޝަންމުގަރަނަމް އަށް ހަދިޔާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS