Ads by Stelco

ޚަބަރު

މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ

މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ

ޤަޢުމީދުވަހުގެ މުނާސަބަތުގައި މާލޭ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ ޕެރޭޑް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 03:22

30 ޖޫން 2025، 03:22

ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ހަރަކާތްތަކަކީ މިނިވަންކަމުގެ ރޫޙު އާލާކޮށް، ގައުމީ އެއްބައިވަންތަކަން އިތުރުކުރުމުގެ މަގުސަދުގައި ރާވައިފައިވާ ހަރަކާތްތަކެކެވެ.

މި ކުލަގަދަ ހަރަކާތްތައް ރާވައި ހިންގުމަށްޓަކައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، ދަޢުލަތުގެ މުއައްސަސާތަކާއި އެސްއޯއީތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ކެޑޭޓް ކޯގެ ގުޅިގެން މިހާރު ދަނީ ތައްޔާރީތައް ވަމުންނެވެ.

ތައްޔާރީތަކާ ގުޅޭގޮތުން ޤައުމީ ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހީމް ވިދާޅުވީ، މި ހަރަކާތްތައް ކުރިއަށް ގެންދެވޭނީ ތިން ދުވަހަށް ބަހާލައިގެން ކަމަށެވެ.

26 ވަނަ ދުވަހު:މިނިވަން 60 ގެ ހަރަކާތްތައް ރަސްމީކޮށް ފަށާނީ 26 ވަނަ ދުވަހުގެ ހެނދުނު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއެކުއެވެ. ހަވީރު މާލޭގެ ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ކުޅިވަރު އޮންނާނެއެވެ. މި ހަރަކާތުގައި އެމްއެންޑީއެފްއާއި ކެޑޭޓްކޯގެ ޕެރޭޑު، ހަތަރު ސްކޫލެއްގެ ދެ ހަރަކާތް އަދި ވުޒާރާގެ ސަޤާފީ އައިޓަމެއް ހިމެނޭނެއެވެ. ރޭގަނޑު މާލޭގެ މަގުތަކުގައި ފުޅަނދުބުރު ކުރިއަށްދާނެއެވެ.


27 ވަނަ ދުވަހު:27 ވަނަ ދުވަހު ހެނދުނު 09:00 ގައި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ދުވަހުގެ ހަވީރު 4:15 ގައި މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑާއި ރޫޓް މާޗް ކުރިއަށްދާނެއެވެ. އަދި ރޭގަނޑު ހުޅުމާލޭގައި ހަވާއެރުވުމުގެ ޚާއްސަ ހަރަކާތަކާއެކު، ފުޅަނދުތައް ދައްކާލުން އޮންނާނެއެވެ.


28 ވަނަ ދުވަހު:މިނިވަން 60 ގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން 28 ވަނަ ދުވަހުގެ ހެނދުނު އޮންނާނީ ދަޢުލަތަށް ދިގު މުއްދަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތެވެ. މި ދުވަހުގެ ހަވީރު ހުޅުމާލޭގައި ޕެރޭޑާއި ރޫޓްމާޗް ކުރިއަށްދާނެއެވެ.


މި ރަސްމީ ހަރަކާތްތަކުގެ އިތުރުން، މިނިވަން 60 ފާހަގަކުރުމުގެ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ފޮޓޯގްރަފީ މުބާރާތަކާއި، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށް މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެން ފިލްމް ފެސްޓިވަލެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށްވެސް އާތިކާ ވިދާޅުވިއެވެ.

މިނިވަން 60 ގެ ޚާއްސަ ލޯގޯ މިހާރު ވަނީ އާއްމުކޮށްފައެވެ. މި ލޯގޯ ކަނޑައަޅާފައިވަނީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ހުށައެޅުންތަކުގެ ތެރެއިންނެވެ. މީގެއިތުރުން އެމްއެންޑީއެފާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން، މިނިވަން 60އަށް ޚާއްސަ ލަވައެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS