ޚަބަރު
ގެދޮރުވެރިޔާ ފްލެޓް: ސޮއިކުރުން އަންނަ ހަފްތާގައި ފަށާނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ގެދޮރުވެރިޔާ ފްލެޓް ފޮޓޯ: އެޓޯލް ޓައިމްސް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ފްލެޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާގައި ސޮއިކުރަން ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިކަން މިހެން އޮއްވައި، ފްލެޓްތައް ލިބުން ލަސްވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް، މަޖިލީހުގެ ގަވާއިދާ ނުގުޅޭ ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ ބޭރުކޮށްލައްވާފައެވެ.
ވަޒީރު މުއްޠަލިބު މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓު ހަވާލުކުރުން ލަސްވާކަމަށްބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުމާއި ގުޅިގެން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވަނީ މިފަދަ ހައްސާސް މައްސަލައެއްގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ފަރާތްތަކުން ސައްހަ ނޫން މައުލޫމާތުތައް ފެތުރުން ހުއްޓާލަންޖެހޭކަމަށްވެސް އިލްތިމާސްކުރައްވާފައެވެ.
ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި 4000 ފްލެޓުގެ މަސައްކަތް އަދިވެސް ނިމިފައިނުވާކަމަށާއި، މި ފްލެޓްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ތަކުރާރުކޮށް އެތައް ފަހަރަކު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ނިމުނުހާ އަވަހަކަށް ފްލެޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ދޫކުރަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުއްޠަލިބު ވިދާޅުވި ގޮތުގައި، ޖުލައި މަހުން ފެށިގެން ފްލެޓްތައް ދޫކުރަން ފަށާނެ ކަމަށް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން ފްލެޓްތައް ލިބުނު މީހުންނާއެކު ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރަމުންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި ސްކީމަށް ފޯމު ހުށައެޅި މީހުންގެ ތެރެއިން ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، ސްކީމަށް ހޮވިފައިވާކަމަށް 2023ގެ ނޮވެމްބަރުގައި އޭރުގެ ސަރުކާރުން ހާމަކުރި 4000 މީހުންގެ ލިސްޓެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވެގެން ފްލެޓް ނުލިބޭ މީހުންނަށް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ނުލިބޭ ސަބަބާއެކު އެކަން އަންގަން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ މީހުންގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި، ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް، އަދި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް މިހާރުވެސް ލިބިފައިވާ ފަރާތްތައް ހިމެނޭ ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވި ފްލެޓާއި ބެހޭ މައްސަލަ، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ)ގައި، ކުއްލި މައްސަލައެއް ކަމަށް ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ނުވާތީ، ބޭރުކޮށްލައްވާފައެވެ.