Ads by Stelco

ޚަބަރު

އެސްއެމްއީ ވިޔަފާރިތަކުން ކުރާ ޓީޓީ މުއާމަލާތްތަކަށް ޑޮލަރު ދޭ މިންވަރު %30 އާހަމައަށް ބޮޑުކޮށްފި

އެސްއެމްއީ ވިޔަފާރިތަކުން ކުރާ ޓީޓީ މުއާމަލާތްތަކަށް ޑޮލަރު ދޭ މިންވަރު  %30  އާހަމައަށް ބޮޑުކޮށްފި

ބީއެމްއެލް ބިޒްނަސް ސެންޓަރ ފޮޓޯ: އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 02:02

30 ޖޫން 2025، 02:02

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) ކުރާ ޓީޓީ މުއާމަލާތްތަކަށް ބޭންކް ރޭޓުގައި ޑޮލަރު ދޭ މިންވަރު މިއަދު 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްފިއެވެ. މިކަން ބީއެމްއެލްއިން މިއަދު އިއުލާން ކޮށްފައިވަނީ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދިމާކޮށެވެ.

"ފަރުދުން"އަށް އެނގިފައިވާ ގޮތުގައި، މީގެ ކުރިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓީޓީއަށް ޑޮލަރު ސަޕޯޓް ލިބެމުން އައީ ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އަދަދަކަށެވެ. މިއަދު ބީއެމްއެލްއިން ކުރި އިއުލާނެއްގައި ވަނީ ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓް 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ރާއްޖެއިން ބޭރުގައި އެކި ސަބަބުތަކަށްޓަކައި ދިރިއުޅޭ ދިވެހީންނަށް ޑޮލަރު ފޮނުވުމަށާއި، ބޭރުން ވިޔަފާރި ކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހީން ޓީޓީ (ޓެލެގްރެފިކް ޓްރާންސްފަރ) ޚިދުމަތް ބޭނުންކުރެއެވެ. މި ޚިދުމަތް އަވަސްކުރުމަށްޓަކައި ޓީޓީ ޕްރޮސެސް ކުރާ ވަގުތު ބީއެމްއެލްއިން ވަނީ 2023 ވަނަ އަހަރު އިތުރުކޮށްފައެވެ. އެ ބަދަލުގެ ދަށުން، ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސްކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެ ބޭންކުން މިއަދު ވަނީ އިތުރު ބަދަލުތަކެއް ވެސް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރުމާއި، ޓެމޫ ފަދަ އޮންލައިން ސައިޓްތަކުން ވިޔަފާރި ކުރުމުން 30 ޕަސެންޓްގެ ފީއެއް ނަގާނެކަން އިއުލާންކުރުން ހިމެނެއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދަކަށްވާއިރު، ބޭންކް ރޭޓުގައި ޑޮލަރު ލިބެނީ 15.42 ރުފިޔާއަށް ކަމަށްވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ. މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު ބެލެވޭގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ 2027 ގައެވެ. އެގޮތުން އެ ހިސާބުގައި ޑޮލަރުގެ އަގު 15.42 ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ވަރަށް ބޮޑުވުމާ ގުޅިގެން ސަރުކާރަށް ވަނީ ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން މަޖުބޫރުވެފައެވެ. އެގޮތުން ދައުލަތަށް ލިބޭ ޑޮލަރު އިތުރު ކުރުމަށްޓަކައި، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ވަކި ވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އެއާއެކު ބޭންކުތަކަށް ލިބޭ ޑޮލަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS