Ads by Stelco

ޚަބަރު

ތެލަސީމިއާ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީއަށް

ތެލަސީމިއާ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީއަށް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 01:39

30 ޖޫން 2025، 01:39

ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ދިރާސާ ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ 49 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުތަކުގެ ތެރޭގައި ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) ގެ މަޤާމުގެ ޝަރުތުތަކާއި، ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނިކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރުއެވެ. ބިލުގައި ހުށަހަޅާފައިވާ ގޮތުން، ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެކެވެ. މި މަޤާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ބަޔާންކުރެއެވެ. ޑީޖީގެ މަޤާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށް، ސިއްޙީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ. އަދި، މި މަޤާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ، ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ޤާނޫނަށް އިތުރުކުރުމެވެ. މިހާރުގެ ޤާނޫނުގައި ކާވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް، ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮވެއެވެ.

އަލަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެންޏަށް ހުއްދަ އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އަލަށް އެކުލަވައިލާންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި އާންމު ކުރަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. މި އިސްލާހުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS