ޚަބަރު
ދަނޑުވެރިކަން ތަރައްޤީކުރުމަށް ގުދުރަތީ ގަސް ކާނާއަށް އިސްކަންދޭނަން: ވަޒީރު މާރިޔާ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ
ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ގަސްކާނާގެ ގޮތުގައި ކެމިކަލް ބޭނުންކުރުން މަދުކޮށް، ގުދުރަތީ ގަސް ކާނާ އުފެއްދުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތީ ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބޭއްވި ހައި-ލެވެލް މިނިސްޓީރިއަލް ސްޕެޝަލް އިވެންޓްގައި ވާހަކަފުޅުދައްކަވަމުން ޑރ. މަރިޔާ ފާހަގަކުރެއްވީ، ރާއްޖޭގެ ކާބޯތަކެތީގެ 90 އިންސައްތައަކީ އެތެރެކުރާ ބާވަތްތައް ކަމަށެވެ. މިހެންކަމުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމަކަށްވުމުން، ދަނޑުވެރިކަމުގައި ތަފާތު ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމަށްޓަކައި ޒަމާނީ އުކުޅުތައް ބޭނުންކުރުމަށް މިހާރު މަސައްކަތްކުރަމުންދާކަން އެކަމަނާ ވިދާޅުވިއެވެ.
މިގޮތުން، ހައިޑްރޮޕޯނިކް އަދި ވާޓިކަލް ފާމިން ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތަކަށް ތަމްރީނުތައްވެސް ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ރެއިން ވޯޓަރ ހާވެސްޓިން ސިސްޓަމްތައް ޤާއިމުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ބިން ތިރި ޤައުމަކަށްވެފައި، ވެލީގެ ކޮލިޓީ ހިފެހެއްޓުމަށްވެސް ޚާއްސަ އިސްކަމެއް ދެއެވެ. ކުރިން ދަނޑުވެރިކަންކުރުމުގައި ތަފާތު ބާވަތްތަކުގެ ކެމިކަލް ބޭނުންކުރި ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ކެމިކަލް ބޭނުންކުރުން ހުއްޓާލާ، އުކާލާ ބާވަތްތަކުން ގަސް ކާނާ އުފެއްދުން ކަމަށެވެ. ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ޤައުމަކަށްވާއިރު، މަހުން އުކާލާ ބާވަތްތަކުން ގިނަ އަދަދަކަށް ގަސް ކާނާ އުފެއްދިދާނެކަމަށް ވަޒީރު ޤަބޫލުކުރައްވައެވެ.
މީގެ އިތުރުން ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިންނަށް ލުއި ލޯނުތައް ފަހިކޮށްދިނުމާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ދަނޑުވެރިންނާއި ކަސްޓަމަރުން ސީދާ ގުޅުވާލުމަށް މަސައްކަތްކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެއްވުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޒަމާނީ އުކުޅުތަކަށް ދަނޑުވެރިން ތަމްރީންކުރުމެވެ. އަދި ދަނޑުވެރިކަންކުރުމަށް ޚާއްސަ އިޤުތިޞާދީ ސަރަހައްދެއްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ސަރަހައްދު ހެދުމަށް 100 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ސަލާމަތީ ކަށަވަރުކުރުމާއި، ދަނޑުވެރިކަން ދިވެހި އިޤްތިޞާދުގެ މުހިންމު ބަޔަކަށް ހެދުމެވެ.