ޚަބަރު
ކ. ހުރާގައި ނޭޗާ ޕާކެއް ތަރައްގީކުރަނީ
ކ.ހުރާ/ ފޮޓޯ: ފޮލޯ މީ ޓު މޯލްޑިވްސް
ކ. ހުރާގެ ކުޅީގައި ނޭޗާ ޕާކެއް ތަރައްގީ ކުރުމަށް ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
އެ ކައުންސިލުން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުރާގެ ކުޅީގައި ނޭޗާ ޕާކެއް ގާއިމް ކުރުމަށް ނިންމާފައިވަނީ އެރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމާއި އިގްތިސޯދީ ފުރުސަތުތައް ފަހިކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި މި މަޝްރޫއު އަކީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރު އެ ކައުންސިލްގެ އިދާރާގައި ކަމަށް ބުނެފައިވެއެވެ. އަންދާޒީ ހިސާބު ހުށަހަޅަންވާނީ އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް ވެސް ބުނެފައިވެއެވެ. މި މަޝްރޫއު 6 މަސްދުވަހުގެ ތެރޭގައި ދީފައިވާ ކުރެހުމާއި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ނިންމައި އެ ކައުންސިލާއި ހަވާލު ކުރަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަންދާޒީ ހިސާބު ހުށަހަޅާއިރު ހުންނަންޖެހޭ މައުލޫމާތަކީ:
- މަސައްކަތުގެ ތަފްސީލް ޕްރޮޕޯސަލް
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑުގެ ނުވަތަ ޕާސްޕޯޓު ކޮޕީ
- މީރާގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ/ ޖީ.އެސް.ޓީ ރަޖިސްޓްރީކޮށްފައިވާ ނަމަ ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ.
- އަންދާޒީ ހިސާބު ހުށަހަޅާ ފޯމު
- ކޯޓުގެ ދަރަނި ރިކޯޑު އަދި މާލެއަތޮޅު ހުރާ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން އަންގައިދޭ ލިޔުން
- ބިޑް ސެކިއުރިޓީ
- ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ބޭންކު ސްޓޭޓްމަންޓު ނުވަތަ ބޭންކުގެ ފައިނޭންޝިއަލް ސަޕޯޓް ލެޓާ
- މަސައްކަތުގެ ގުޅޭ ތަޖުރިބާ ހުރިނަމަ ޖަދުވަލު 1 ގައިވާ ޝީޓް
މި މަޝްރޫއުއާ ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ އެ ކައުންސިލް ގެ ޖީމެއިލް [email protected] އަށް މެއިލް ކުރުމުން ނުވަތަ 6640074 އާއި ގުޅުމުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.