Ads by Stelco

ޚަބަރު

ވެލާނާ އެއަރޕޯޓްގެ އައު ޓާމިނަލް: މެހެމާންދާރީއާއެކު ޚިދުމަތް ދިނުމަށް 300 މުވައްޒަފުން ތަމްރީނުކުރަނީ

ވެލާނާ އެއަރޕޯޓްގެ އައު ޓާމިނަލް: މެހެމާންދާރީއާއެކު ޚިދުމަތް ދިނުމަށް 300 މުވައްޒަފުން ތަމްރީނުކުރަނީ

ފަސިންޖަރުންނަށް ޚިދުމަތް ދޭނެ 300 މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނުތައް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 12:00

30 ޖޫން 2025، 12:00

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީ.އައި.އޭ) އައު ޓާމިނަލްގައި ފަސިންޖަރުންނަށް ޚިދުމަތް ދޭނެ 300 މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީނުތަކެއް ފަށައިފިއެވެ. މި ތަމްރީނުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ޖުލައި 26 ވަނަ ދުވަހު އައު ޓާމިނަލް ހުޅުވާއިރު، އެތަނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ހިނިތުންވުމާއި، އޯގާތެރިކަމާއި، ދިވެހީންގެ މެހެމާންދާރީއާއެކު މުޢާމަލާތްކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މުވައްޒަފުން ގާބިލް ބަޔަކަށް ހެދުމެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗު ކުރިއަށްދާނީ 2025 ޖުލައި 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. މީގެ ތެރޭގައި އައު ޓާމިނަލުގައި ޚިދުމަތް ދިނުމަށް އަލަށް ނެގި މުވައްޒަފުންނާއި، މިހާރުގެ ޓާމިނަލުގައި ޚިދުމަތް ދެމުން އަންނަ މުވައްޒަފުން ހިމެނެއެވެ.

މިތަމްރީނުތަކުގައި ކިޔަވައިދެނީ ކަސްޓަމަރ ސަރވިސް ޓްރެއިނިން ދިނުމުގައި ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރ އަދި ކޯޗް މަސްޢޫދު ޢަލީއެވެ. މި ތަމްރީނުތަކާ ގުޅޭ ގޮތުން ފަސިންޖަރ ސަރވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާޤު ވިދާޅުވީ، އެއަރޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް ކަމަށެވެ. އަދި އައު ޓާމިނަލެއް ހުޅުވާއިރު، އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި، އެތަނުގެ މުވައްޒަފުންނަކީ ފަސިންޖަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުޅަދާނަ އަދި ގާބިލު މުވައްޒަފުންނަށް ހެދުމަށް އެމްއޭސީއެލުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓާމިނަލެއް ހުޅުވާއިރު، އެތަނުން ދެވޭ ޚިދުމަތަކީވެސް މަތީ ފަންތީގެ ޚިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން މިތަމްރީން ޕްރޮގްރާމަކީ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ޚިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހެމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމަށް މިސްބާޙް ފާހަގަކުރެއްވިއެވެ.

މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި، އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS