ޚަބަރު
އޯކިޑުގެ ބާވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަމުން ނަން ދެއްވައިފި

ބޮޓެނިކް ގާރޑަންއަށް ޒިޔާރަތްކުރެއްވުމުން އޯކިޑުގެ ބާވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ނަމުން ނަންދެއްވުމަށްފަހު އެކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރު ރައީސް، ހިޒް އެކްސެލެންސީ ތަރުމަން ޝަންމުގަރަޓްމަންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޓެނިކް ގާރޑަންގައި ހުންނަ ޤައުމީ އޯކިޑް ގާރޑަންއަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަމުން އޯކިޑުގެ ބާވަތަކަށް ނަން ދެއްވައިފިއެވެ.
މިއީ ދައުލަތްތަކުގެ އިއްޒަތްތެރިން ސިންގަޕޫރަށް ވަޑައިގެންނެވުމުން މެހެމާންދާރީ އަދާކުރެއްވުމަށް އެ ޤައުމުގައި ޒަމާނުއްސުރެން ޢަމަލު ކުރަމުން އަންނަ ސަގާފަތެކެވެ.
މިއަދު ހެނދުނު ބޮޓެނިކް ގާރޑަންއަށް ޒިޔާރަތްކުރެއްވުމުން އޯކިޑުގެ ބާވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ނަމުން ނަންދެއްވުމަށްފަހު އެކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށްދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭއެވެ.
ރައީސްގެ ދެކަނބަލުން މިއަދު އެ ބަގީޗާއަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން، މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ރައީސާއި ފަސްޓްލޭޑީ ވަނީ ސޮއި ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސްގެ އިތުރުން، ހިޒް އެކްސެލެންސީ ޕްރައިމް މިނިޓަރ ލޯރެންސް ވޮންގް އަދި އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހުކުރެއްވުމުގެ ގޮތުންނާއި، ތަރައްޤީގެ މަސައްކަތްތަކުގައި ދެ ޤައުމުން ގުޅިގެން ކުރިޔަށްގެންދެވޭނެ ކަންކަމާ ގުޅޭގޮތުންނެވެ.