Ads by Stelco

ޚަބަރު

ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި

ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި

އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހާ/ފޮޓޯ: ފުލުހުން

29 ޖޫން 2025، 05:20

ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މީހާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާ ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާއިރު، އެ މީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުންގެ ޚިދުމަތުން އިރުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުންކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޖަނާން މުޙައްމަދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS