Ads by Stelco

ޚަބަރު

ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީގެ ވަފުދެއް ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

29 ޖޫން 2025، 03:36

ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ވަފުދުގައި ރާއްޖެ-ތުރުކީ އިންޓަރ ޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޓަރ ޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުން ދިވެހި ސަރުކާރުގެ އެކި އިދާރާތަކާއެކު ގުޅުންބަދަހިކުރަމުންދާތީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. ހަމަ އެހެންމެ، އިންޓަރ ޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުގައި ގިނަ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ހިމެނިވަޑައިގަންނަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ އެ ޤައުމުގެ ސިޔާސީ މަޞްރަހަށް ފައިދާހުރި ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވަނީ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، އިޤުތިޞާދީ ސިޔާސަތުތައް ކަނޑައެޅުއްވުމާއި، އިންވެސްޓްމެންޓުގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން، ޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޚާއްޞަ ވަފުދުގެ މެންބަރުން ވަނީ، ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު މަތީ ތަޢުލީމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ތުރުކީގެ ވަފުދުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ، ފަލަސްތީނަށް ޔަހޫދީން ދެމުންގެންދާ އަނިޔާތަކާއި ދެކޮޅަށް ތުރުކީވިލާތުން ގެންގުޅުއްވާ ސިޔާސަތުތައް ރާއްޖެއިން ވެސް ޤަބޫލުކުރައްވާކަން ފާހަގަކުރެއްވުމަށް ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS