ޚަބަރު
އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ހޯދައިފި

ވައްކަން ކުރުމުން ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ.
މިތަކެތި ހޯދާ، މި މީހާ ހައްޔަރުކޮށްފައިވަނީ، އިމިގްރޭޝަންގެ ގުދަނުން ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވުމާއި ގުޅިގެންނެވެ. އަދި މި ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާ ޕާޓްސްއާއި، އިލެކްޓްރޯނިކް ތަކެއްޗާއި، އެހެނިހެން ބައެއް ސާމާނު ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަޙައްދުގައި މީހަކު އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ގޮސް ބެލި ބެލުމުން، އެ ތަކެއްޗަކީ އިމިގްރޭޝަންގެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.