ޚަބަރު
އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އަނެއްކާވެސް ހުދު ސަމާލު

ކަނޑު ގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ/ފޮޓޯ: ދަ ޕްރެސް އެމްވީ
އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އަނެއްކާވެސް ހުދު ސަމާލު ނެރެފިއެވެ.
މިކަމާއި ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން ހަވީރު 17:30 އާއި ހަމައަށެވެ. އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، އިއްޔެ ވެސް މެންދުރުފަހު 13:30 އިން ފެށިގެން ހަވީރު 17:00 އާއި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރިފައެވެ. އިއްޔެ ނެރުނު ސަމާލަކީ ވެސް، އުދައަރާނެ ކަމަށް ލަފާކޮށް ނެރިފައިވާ ސަމާލެކެވެ. މިކަމާއި ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ވަގުތުތަކުގައި ބްރިޖު ސަރަޙައްދުން ސައިކަލު ފަދަ ތަކެތި ނުދުއްވުމަށް ވެސް ނަސޭހަތްތެރިވެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.