Ads by Stelco

ޚަބަރު

"އޮޅުހިޔާ" ހިންގުމަށް ދެ އެންޖީއޯއަކުން ކުރިމަތިލައިފި!

"އޮޅުހިޔާ" ހިންގުމަށް ދެ އެންޖީއޯއަކުން ކުރިމަތިލައިފި!

ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅު ހިޔާ ފެސިލިޓީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2025، 02:11

29 ޖޫން 2025، 02:11

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓައި، ހިދުމަތްދޭން ޚާއްސަކޮށް ހަދާފައިވާ "އޮޅުހިޔާ" ގެ ޝެލްޓަރބައި ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފިއެވެ. މި ދެ ފަރާތަކީ ދިރޭތަކެއްޗާ ބެހޭ ދެ އެންޖީއޯއެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

"އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް މި ސަރުކާރުން ޤާއިމްކޮށްފައިވާ ޒަމާނީ ފެންވަރުގެ ޕެޓް ކެއަރ ފެސިލިޓީއެކެވެ. 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ މި ތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

މި ފެސިލިޓީ ތަރައްޤީކުރީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް ވަނީ އަންގާފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު "އޮޅުހިޔާ" ވަނީ ރަސްމީކޮށް ވުޒާރާއާ ހަވާލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން "އޮޅުހިޔާ" ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ހަވާލުކުރި އިރު، ގިނަ ޙިދުމަތްތައް ގާއިމްނުވެ ހުއްޓިފައި ހުއްޓެވެ. މިހާރު ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ދަނީ "އޮޅުހިޔާ" ގެ އެންމެހާ ޙިދުމަތްތަކެއް ޤާއިމްކޮށް، ފެސިލިޓީ ފުރިހަމައަށް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގުމަށް ކުރި އިއުލާނުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ވުޒާރާގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވިގޮތުގައި ، ޝެލްޓަރ ބައި ހިންގުމަށް ކުރި އިއުލާނުގައި ދެ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް، އެކަމަށް އެދި ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ހުށައެޅުނު ބިޑްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮޅުހިޔާގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަންވެސް އިއުލާނުކޮށްފައިވާއިރު، މުވައްޒަފުން ނަގާނީ ޝެލްޓަރ ހިންގާނެ ފަރާތެއް ކަނޑައެޅުމަށް ފަހު ކަމަށް އޮފިޝަލް އިތުރަށް ހާމަކުރެއްވިއެވެ.

އޮޅުހިޔާގައި ބުޅާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ މީގެކުރިން ހިއްސާކުރައްވާފައެވެ. އެގޮތުން، ކޮންމެ ބުޅަކަށް އަހަރަކު 5416 ރުފިޔާ ޚަރަދުވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS