Ads by Stelco

ޚަބަރު

ބީސީސީން އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން ޚާއްޞަ ވެބިނަރ ސީރީސްއެއް ފަށައިފި

ބީސީސީން އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން ޚާއްޞަ ވެބިނަރ ސީރީސްއެއް ފަށައިފި

ތިނަދޫގައި ބީސީސީން ކުރިއަށްގެންދިޔަ ޓްރެއިނިންގއެއްގެ ތެރެއިން ފޮޓޯ:ބީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2025، 02:04

29 ޖޫން 2025، 02:04

ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކުގެ (އެމްއެސްއެމްއީ) ދުވަހާ ގުޅުވައިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޚާއްޞަ ވެބިނަރ ސީރީސްއެއް ފަށައިފިއެވެ. އާންމުކޮށް ހުޅުވާލައިގެން، މި ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ކުރިއަށްދާ މި ވެބިނަރ ސީރީސްއަކީ، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށާއި އެމްއެސްއެމްއީތަކަށް ބޭނުންތެރި މުހިންމު މަޢުލޫމާތުތަކެއް ދިނުމަށް ބީސީސީން ހަމަޖައްސާފައިވާ ސެޝަންތަކެކެވެ.

ބީސީސީން މަޢުލޫމާތުދެއްވާ ގޮތުގައި، މި ވެބިނަރ ސީރީސްގައި، ވިޔަފާރިކުރާ ފަރާތްތަކަށް އަދި އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރައްކާތެރިގޮތުގައި ޑިޖިޓަލް މުއާމަލާތްތައް (ޓްރާންސެކްޝަން) ކުރިއަށް ގެންދާނެ ގޮތާއި، ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީދޭ މުއައްސަސާތަކުން އެހީ ހޯދާނެ ގޮތްތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަޔާން ހުށަހަޅާނެ ގޮތްތަކާއި، އަދި އެނޫންވެސް މުހިންމު މަޢުލޫމާތު މި ވެބިނަރގައި ދިނުމަށް ވަނީ ރޭވިފައެވެ.

މި ވެބިނަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބިނަރގައި ރަޖިސްޓަރ ކުރަން ބޭނުންވާ ލިންކާއި، މިކަމާ ގުޅޭ މަޢުލޫމާތު ބީސީސީގެ ސޯޝަލް މީޑީއާގެ އެކި މަންސަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.

މި މަޢުލޫމާތު ސެޝަންތައް އޮންލައިންކޮށް، ވެބިނަރ ސީރީސްއެއް ގޮތަށް ކުރިއަށް ގެންދިއުމަށް ބީސީސީން ނިންމާފައިވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި ސެޝަންތަކުގައި ބައިވެރުމުގެ ފުރުޞަތު އާންމުންނަށް ފަހިކޮށްދިނުމުގެ ގޮތުންނެވެ. ބީސީސީން ވަނީ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންވެސް، މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަނީ، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި، މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި އެ ގިންތިތަކުގެ ވިޔަފާރިތައް ކުރިއަރުވައި މާކެޓްކޮށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS