ޚަބަރު
އާ ޓަރމިނަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް: އެމްއޭސީއެލް

އައު ޓަރމިނަލް/ފޮޓޯ: އެޓޯލް ޓައިމްސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް އެމްއޭސީއެލް އިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ، އަންނަ ޖުލައި މަހު އައު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެހެންކަމުން، މިކަމާއި ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަން ފާހަގަކުރައްވާ އެކަމަށް ސަމާލުވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ މިއާއެކު، އެއަރޕޯޓު ސެކިއުރިޓީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއޭސީއެލް އިން ވަނީ ނަސޭޙަތްތެރިވެފައެވެ.
މީގެ އިތުރުން އެމްއޭސީއެލުން ވަނީ، އާ ޓަރމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅިގެން އެއަރޕޯޓަށް ވަދެވޭ ބައެއް މަގުތައް ބަންދުކޮށްފައެވެ. ހަމަ އެހެންމެ، މިހާރު އެއަރޕޯޓުގައި ހުރި ޓަރމިނަލަށް ވެހިކަލްތައް ދިޔުމަށް ބޭނުންކުރަންޖެހޭ ރޫޓަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި މި ބަދަލުތައް ފާހަގަވާނެހެން މަގުމަތީ ނިޝާންތައް އެ ސަރަޙައްދުގައި މިހާރު ހަރުކޮށްފައިވާނެކަމަށް އެމްއޭސީއެލް އިން ވިދާޅުވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.