Ads by Stelco

ޚަބަރު

މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް ޚަޠީބުކަން ދޫކޮށްނުލުމަށް އިލްތިމާސްކުރައްވައިފި

މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް ޚަޠީބުކަން ދޫކޮށްނުލުމަށް އިލްތިމާސްކުރައްވައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގެ ބައިވެރިންނާ ވަޒީރު ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

29 ޖޫން 2025، 11:32

މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަ ނަމަވެސް، ޚަޠީބުކަން ދޫކޮށްނުލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ ބައިވެރިންނާއި ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވެފައިވާ ހުރިހާ ކުދިންނަށް ވެސް ވުޒާރާގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވެ ޒުވާން ކުދިން ޚިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، އިމާމުކަމާއި ޚަޠީބުކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން، މުސްތަޤުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަކަމުގައި ވީ ނަމަވެސް ޚަޠީބުކަން ދޫކޮށްނުލުމަށާއި މިކަމުގައި ކުރިއަށް ދިއުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ، ސްކޫލް ނިންމާ ކުދިންގެ ހިތްތަކުގައި އިމާމުވެ ނަމާދުކޮށް ޚުޠުބާ ދިނުމަށް ޝައުގު އުފައްދާ އެކަމަށް ކުރިމަތިލާނެ ޒުވާނުންތަކެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 2 ބެޗުގައި 300 އަށްވުރެ ގިނަ ކުދިންވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މީގެތެރެއިން ބައެއް ކުދިން އަތޮޅުތަކުގެ ރަށްތަކާއި މާލޭގައިވެސް އިމާމުވެ ހުކުރު އަދި ފަރުޟު ނަމާދުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ވަނަ ބުރުގައި ޖުމްލަ 257 ފަރާތަކުން ތަމްރީނުތައް ނިންމާލާފައިވާއިރު، ޚަޠީބަކަށްވުމަށްފަހު ވެސް އާންމު ދިރިއުޅުމުގައި އިސްލާމީ އުސޫލާއި އެއްގޮތަށް ރިވެތި އަޚުލާޤާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވަޒީރު ވަނީ ބައިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS