ޚަބަރު
ފައިނުގައި ހިނގި އެކްސިޑެންޓު: އަނިޔާވި ކުޑަ ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

އައިޖީއެމްއެޗް/ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް
ރ. ފައިނުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ކުޑަ ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނަކީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ކުދިންކަމަށެވެ. އަދި މި ދެ ކުދިން މިހާރު ވެންޓިލޭޓަރުން ނަގާފައި ވީ ނަމަވެސް، ދެ ކުދިންނަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި އެކްސިޑެންޓާއި ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި 49 އަހަރުގެ ދިވެހި ފިރިހެން މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައިކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި ޖުމްލަ 4 މީހަކަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރެއިން 3 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު، ދެން ހުރި މީހައަށް ފަރުވާދެމުންދަނީ ރ. އުނގޫފާރު ހޮސްޕިޓަލްގައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ފައިނު ސްކޫލްގެ ދެ ދަރިވަރުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.