Ads by Stelco

ޚަބަރު

މިމަހުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ރުފިޔާގެ އަދަދު 46.4 މިލިޔަނުން މައްޗަށް

މިމަހުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ރުފިޔާގެ އަދަދު 46.4 މިލިޔަނުން މައްޗަށް

މަސްވެރިން މަސްބާނަނީ/ފޮޓޯ: އިންޓަރނެޓް

28 ޖޫން 2025، 02:21

މިމަހުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ރުފިޔާގެ އަދަދު 46.4 މިލިޔަނުން މައްޗަށް އަރާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ މިހާތަނަށް އެ ކުންފުނިން މުޅި ޖުމްލަ 46،488،392 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއީ ޖުމްލަ 672 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާގެ  އަދަދުކަމަށް މިފްކޯއިން ވިދާޅުވެއެވެ. މީގެ އިތުރުން މިފްކޯއިން ވަނީ، މި ހިނގާ ޖޫން މަހުގެ ކޮންމެ ހަފްތާއެއްގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޢަދަދު ޢާންމުކޮށްފައެވެ.

އެގޮތުން، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާއާއި އަޅާބަލާއިރު 7 އިންސައްތަ އިތުރު  އަދަދެކެވެ. އަދި މިމަހުގެ ދެވަނަ ހަފްތާގައި މަސްވެރިންނަށް 8.3 މިލިޔަން ރުފިޔާ ދޫކުރިއިރު މިއީ، މެއި މަހުގެ ދެވަނަ ހަފްތާއާ އަޅާބަލާއިރު 43 އިންސައްތަ ދަށް ޢަދަދެކެވެ.

މީގެ އިތުރުން، މި މަހުގެ ތިންވަނަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 11.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއީ މިދިޔަ މެއި މަހުގެ ތިންވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރި 27.8 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ. ހަމަ އެހެންމެ، ހަތަރުވަނަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް 9.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މެއި މަހުގެ ތިންވަނަ ހަފްތާގައި މަސްވެރިންނަށް ދޫކުރީ 30.3 މިލިޔަން ރުފިޔާއެވެ. އެހެންކަމުން، މިއީ 67 އިންސައްތަ ދަށް ޢަދަދެކެވެ.

މިފްކޯ އިން ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ދޫކުރާ ފައިސާގެ ޢަދަދު ދަށްވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދޯނިތައް މަދުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، މި ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS