Ads by Stelco

ޚަބަރު

ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ފްލެޓްތަކަށް ކުލި ނުދައްކާ އުޅޭ މައްސަލައިގައި ފިޔަވަޅުއަޅަން ފަސޭހަވާނެ: ގެދޮރުވެރިކަމާއި ބެހޭ ވަޒީރު

ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ފްލެޓްތަކަށް ކުލި ނުދައްކާ އުޅޭ މައްސަލައިގައި ފިޔަވަޅުއަޅަން ފަސޭހަވާނެ: ގެދޮރުވެރިކަމާއި ބެހޭ ވަޒީރު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2025، 12:41

28 ޖޫން 2025، 12:41

މިހާރު މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ބިލު ފާސްވުމާއެކު، ފްލެޓްތަކަށް ކުލި ނުދައްކާ އުޅޭ މައްސަލައިގައި ފިޔަވަޅުއަޅަން ފަސޭހަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.


ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުގައި ދޫކުރާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ނުދައްކާ ދިރިއުޅެމުންދާތީ، އާއްމު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. މިހާތަނަށް ދަޢުލަތަށް ލިބެން ޖެހޭ ކުލިން 700 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަމަށް މައުލޫމާތު ލިބެއެވެ. އެގްރިމަންޓްގައި އޮންނަގޮތުން، ހައުސިން ޔުނިޓް މިލްކުވާނީ ސަރުކާރާއެކު އެއްބަސްވެފައިވާ މުއްދަތަށް، ކަނޑައެޅިފައިވާ އުސޫލުން ކުލި ދައްކާ ފަރާތްތަކަށެވެ.

"އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މި މައްސަލައިގައި އާއްމުންގެ ކަންބޮޑުވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ކުލި ނުދައްކާ މައްސަލައިގެ ސަބަބުން ދަޢުލަތަށް އާމްދަނީއެއް ނުލިބުމަށްވުރެ، އެކަމުގައި މައްސަލަ ކުރިމަތިވަނީ އިތުރަށް ހައުސިން މަޝްރޫޢުތައް ހިންގުމާއި އެހެނިހެން މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންއަށް ދަތިވުންކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން މަޝްރޫޢުތައް ހިންގަން ނަގާ ލޯނުތައް ގަވާއިދުން ދައްކަމުންނުދާނަމަ، އިތުރު މަޝްރޫޢުތަކަށް ލޯނު ހޯދަން ދަތިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، "ކުލި ނުދެއްކުމަކީ ދަޢުލަތަށް އާމްދަނީ ލިބުމުގެ ހުރަހަކަށްވުރެ އެއީ އެއަށްވުރެ މާ ބޮޑު މައްސަލައެއް. ބޭންކުން މަޝްރޫޢުތަކަށް ފައިނޭންސް ލިބެނީ ފީސިބަލް ވީމަ. ބޭންކަން އިނގޭ، ނަގާފައި ހުންނަ ލޯނުތައް ގަވައިދުން ފައިސާ ދައްކާނަމަ. އެހެންވީމަ ގަވާއިދުން ފައިސާ ނުދެއްކުމަކީ، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތައް ހިންގަން އެޅޭ ހުރަހެއް. ބޯހިޔާވަހިކަން ބޭނުންވާ އެހެން ރައްޔިތުންގެ ޙައްގަށް އެޅޭ ހުރަހެއް."

ވަޒީރު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ހައުސިން ބިލާއެކު މި މަސައްލައަށް ލުއިފަސޭހަ ޙައްލެއް ހޯދޭނެކަމަށެވެ. މިހާރު ދޫކޮށްފައިވާ ޔުނިޓްތައް ދޫކޮށްފައި ހުންނަނީ ސޭލް ޕަރޗޭސް އެގްރިމަންޓު އުސޫލުންކަމަށްވުމާއެކު، ދަޢުލަތުން ކޯޓު މަރުޚަލާއަށް ނުގޮސް ފްލެޓްތައް ސަރުކާރަށް ނަގަން ނުވަތަ ފިޔަވަޅުއެޅުމަށް ދަތިވެއެވެ. އަދި ކުލި ނުދައްކާ މީހުންނާމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަން ދަތިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ހައުސިން ބިލާއެކު، މިކަމަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ބިލާއެކު، ކޯޓު މަރުޚަލާއަށް ނުގޮސް، އެހާ ދަތިއުންދަގޫތައް ކުރިމަތި ނުވެ، ކުލި ނުދައްކަންޏާ ފިޔަވަޅު އެޅުމުގެ ފުރުޞަތު ލިބޭނެ. މިހާރު ދޫކުރަންއުޅޭ 4000 ފްލެޓް އެގްރިމަންޓް ކުރާނީ 25 އަހަރުގެ މުއްދަތުގެ ކުލި ދެއްކީމަ އެތަން ރަޖިސްޓްރިކޮށްދެވޭގޮތަށް. ކުއްޔަށް ދޭ ތަނެއްގެ ގޮތަށް އޮތީމަ، ކުލި ނުދައްކާނަމަ ފިޔަވަޅު އަޅަން ފަސޭހަވޭ،" ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފްލެޓްތައް ދޫކުރާއިރު އެގްރިމަންޓްކުރުމުގައި ބަދަލުތައް ގެންނާނެކަމަށެވެ. އެގޮތުން ބޭންކް މޯގޭޖް ފައިނޭންސްގެ ތެރެއިން މޯގޭޖެއްގެ ގޮތުގައި ދިނުން ނުވަތަ އަނެއްގޮތަކީ ކުލި ދައްކާ މުއްދަތު ނިމުމުން ވެރިފަރާތަށް ހައުސިން ޔުނިޓް މިލްކުވާގޮތަށް ބަދަލުގެނައުންކަމަށެވެ. ފްލެޓްތައް ލިބުނު މީހުންނާއެކު އެގްރިމަންޓްތައް ހެދުމާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ޖުލައިމަހު ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS