ޚަބަރު
ގްރީން ޓެކްސްގެ އާމްދަނީ 900 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް؛ މިދިޔަ އަހަރަށްވުރެ 88 އިންސައްތަ އިތުރު

ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
މިހާތަނަށް މިއަހަރުގެ ފުރަތަމަ 21 ހަފްތާ ނިމިގެންދިޔައިރު، ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 900 މިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިފައިވާކަމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު އާންމުކުރާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 976.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 518.0 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އާމްދަނީ ވަނީ 88 އިންސައްތަ އިތުރުވެފައެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމުގެ މަޤްސަދުގައި ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. މި ޓެކްސަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ޓޫރިސްޓް އުޅަނދުފަހަރަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްހެކެވެ.
ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި، ފައިސާ ދައްކަންޖެހެއެވެ. ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހެވެ. ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނެގޭއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރު ނަގައެވެ. އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނަށް މި ޓެކްސް ދެއްކުމުން އިސްތިސްނާ ވެއެވެ.
ގްރީން ޓެކުހުގެ އާމްދަނީ ސީދާ ގޮތުން ގުޅިފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދާއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,074,703 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 985,348 ފަތުރުވެރިންނާ އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގްރީން ޓެކުހުގެ އާމްދަނީ އިތުރުވުމަކީ، ފަތުރުވެރިކަން ކުރިއަރަމުންދާ ކަމުގެ ހެތްކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.