ދުނިޔެ
ފަތިހުން ފެށިގެން ފަލަސްޠީނުގެ 36 ރައްޔިތަކު ޝަހީދުކޮށްލައިފި

މިއަދު އެހީ ބަހާ މަރުކަޒަށް އެއްވެފައިތިބި މީހުންނަށް ދިން ހަމަލާތަކުގައި ޝަހީދުވި ކުއްޖެއް
ޣައްޒާގައި މެދުކެނޑުމެއްނެތި ބަދަލުކުރަމުންދާ ހަމަލާތަކުގައި މިއަދު ފަތިހުން ފެށިގެން 36 މީހަކު ޝަހީދުކޮށްލާފައިވާކަމަށް މެޑިކަލް މަސްދަރުތަކުން ކަށަވަރުކޮށްދީފިއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން ކަށަވަރުކޮށްދިން ގޮތުގައި މިއަދު ފަތިހުން ފެށިގެން އިޒްރާއީީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 36 ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދުމަށް ދިޔަ ރައްޔިތުންވެސް ހިމެނެއެވެ.
ކުވައިތު ފީލްޑް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ރަފާހުގެ އުތުރުގައި ހުންނަ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އެހީ ބެހުމުގެ މަރުކަޒެއްގެ ކައިރީގައި އިޒްރާއިލްގެ ހަމަލާއެއްގައި 6 މީހުން ޝަހީދުވިއެވެ. އަދި ޣައްޒާ ސިޓީގެ ތުއްފާހު ސަރަހައްދުގައި އިޒްރާއިލްގެ ޑްރޯން ހަމަލާއެއްގައި ނޫސްވެރިއަކު ހިމެނޭ ގޮތަށް 10 މީހުން ޝަހީދުވިއެވެ.
ޣައްޒާގެ މެޑިކަލް ރިލީފްގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި، ޣައްޒާގައި 17،000 ކުޑަކުދިން ކާބޯތަކެތީގެ ދަތިކަން ދިމާވެ ބަނޑަށް ޖެހިފައިވެއެވެ. އަދި އެ ކުދިންނަށް ބޭނުންވާ ކާނާ އާއި އެހެނިހެން ތަކެތި އަވަހަށް ނުލިބިއްޖެނަމަ، ގިނަ އަދަދެއްގެ ކުޑަކުދިން ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން މަރުވެދާނެކަމަށް ލަފާކުރެވެއެވެ.
މެޑިކަލް އޮފިޝަލުން އިތުރަށް ފާހަގަކުރި ގޮތުގައި ކުޑަކުދިންގެ ކިރާއި ބޭސް ވެއްދުމަށް ހުއްދަ ދިނުމަށް އޮކިއުޕޭޝަން ބާރުތަކަށް ޕްރެޝަރު ކުރަންޖެހެއެވެ. އަދި މުވައްޒަފުންނާއި، މެޑިކަލް ސަޕްލައިސް އަދި ބޭހުގެ ދަތިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސަރޖަރީތައް ފަސްކުރަން ޖެހިފައިވެއެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނާ ގޮތުގައި ވޭތުވެދިޔަ 4 ހަފްތާގެ ތެރޭގައި އެހީ ހޯދަން އުޅުނު 549 ފަލަސްތީނު ރައްޔިތުން އިޒްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. އަދި ޖީއެޗްއެފްގެ އެހީ ބެހުމުގެ މަރުކަޒުތަކުގައި ނުވަތަ އެތަންތަނުގެ ކައިރީގައި 4،066 މީހުން ޒަޚަމްވެފައިވެއެވެ.