ދުނިޔެ
އިޒްރާއިލްގެ ހަމަލާތަކުގައި އީރާނުގެ 11 ނިޔުކްލިއަރ ސައިންޓިސްޓުން ޝަހީދުކޮށްލިކަމަށް ބުނެފި

އިޒްރާއިލްގެ ހަމަލާއެއްގައި އީރާނުގެެ 2 އިމާރާތެއް ހަލާކުވެފައި
އިޒްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ 11 ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައިވާނެކަމަށް އިޒްރާއީލުން މިއަދު ހާމަކޮށްފިއެވެ. މީގެ ތެރޭގައި އީރާނުގެ ސައިންސާއި ޓެކްނޮލޮޖީ ޔުނިވަރސިޓީގެ ސައިންޓިސްޓެއް ކަމަށްވާ ސުލައިމާން ސުލައިމާނީވެސް ހިމެނެއެވެ.
އިޒްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޖޫން 13 ގައި ފެށުނު 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ 30 އަށްވުރެ ގިނަ އިސް ވެރިން ވަނީ މަރާލެވިފައެވެ. އަދި އީރާނުގެ ތިން މައި ނިއުކްލިއަރ ފެސިލިޓީއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
މަރާލެވުނު ފަރާތްތަކުގެ ތެރޭގައި 1965 ވަނަ އަހަރު ތެހުރާނުގައި އުފަން ނިއުކްލިއަރ ފިޒިސިސްޓް މުހައްމަދު މަހްދީ ތެހުރާންޖީ ހިމެނެއެވެ. އޭނާއަކީ ޝަހީދު ބެހެޝްތީ ޔުނިވަރސިޓީގެ ރައީސްގެ ނައިބުކަމާއި 2012 އިން 2016 އަށް ރައީސްކަން ކުރި މީހެކެވެ.
މީގެ އިތުރުން، އިޒްރާއީލުގެ ހަމަލާތަކުގައި މަރާލެވުނު ފަރާތްތަކުގެ ތެރޭގައި ފަރީދޫން އައްބާސީ ދަވާނީވެސް ހިމެނެއެވެ. އޭނާއަކީ އީރާނުގެ ރެވޮލިއުޝަނަރީ ގާޑްގެ ބްރިގޭޑިއަރ ޖެނެރަލްއެއްގެ މަގާމުގައި ހުރި ނިއުކްލިއަރ ސައިންޓިސްޓެކެވެ. އަދި 2010 އިން 2014 އަށް އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަންގެ ވެރިޔާގެ މަގާމު ފުރާފައިވާ ފަރާތެކެވެ.
އިޒްރާއީލުން ޖޫން 13 ގައި އީރާނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ނިއުކްލިއަރ ފެސިލިޓީތަކާއި އަސްކަރީ އަދި މަދަނީ ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ޓެލް އަވީވް ހިމެނޭ ގޮތަށް އިޒްރާއީލުގެ ސިޓީތަކަށް މިސައިލް ހަމަލާ ދީފައެވެ.