ދުނިޔެ

އިޒްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ލުބްނާންގެ ރައީސް ގޮވާލައިފި

އިޒްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ލުބްނާންގެ ރައީސް ގޮވާލައިފި

ލުބްނާންގެ ރައީސް ޖޯސެފް އައުން---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ޖޫން 2025، 06:54

27 ޖޫން 2025، 06:54

ހުލާސާ


އިޒްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ލުބްނާންގެ ރައީސް ޖޯސެފް އައުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވައިފިއެވެ.

ރައީސް ޖޯސެފް މިފަދައިން ގޮވާލެއްވީ މިއަދު ލުބްނާންގެ ދެކުނު ސަރަހައްދަށް އިޒްރާއީލުން ދިން ހަމަލާތަކާ ގުޅިގެން، އެ ހަމަލާތައް ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ވަނީ އެ ހަމަލާތައް ހުއްޓުވުމަށް ގޮވާލައްވާފައެވެ.

މި ހަމަލާތަކުގައި އަންހެނަކު ޝަހީދުވެ، 20 މީހުންނަށް އަނިޔާވެފައިވާކަމަށް ލުބްނާންގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. ނަބަތިއްޔާގެ ރިހާއިޝީ އިމާރާތަށް އިޒްރާއީލުން ދިން ހަމަލާއެއްގައި އަންހެނަކު ޝަހީދުވެ، 13 މީހުންނަށް އަނިޔާވި އިރު، އިތުރު 7 މީހުންނަށް އަނިޔާވެފައިވަނީ އެ ސަރަހައްދުގެ އެހެން ތަންތަނަށް ދިން ހަމަލާތަކުގައެވެ.

ރައީސް އައުން އެކްސްގައި ވިދާޅުވެފައިވަނީ، އިޒްރާއީލުން ދަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގަރާރުތަކާއި، އަނިޔާވެރިކަމާއި ހަމަނުޖެހުން ހުއްޓުވުމަށް ގޮވާލާގޮވާލުންތަކަށް ބީރުކަންފަތެއް ދެމުން ކަމަށެވެ. މިކަމުން ލުބްނާނާއި ސަރަހައްދުގެ އެހެން ޤައުމުތަކުގައި ހަމަޖެހުން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭތީ، މި ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް ޖޯސެފް ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ މިއީ ޤައުމީ ސިޔާދަތަށް ދިން ސީދާ ހަމަލާއެއް ކަމަށާއި އަދި ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށުނު ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އިޒްރާއީލުން ވަނީ ދެކުނު ލުބްނާންގައި ހުންނަ ހިޒްބުއްاللهގެ މަރުކަޒުތަކެއްކަމަށް ބުނާ ތަންތަނަށް ހަމަލާތައް އިތުރުކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވުނު ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމާ ޚިލާފަށް ކުރަމުންދާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS