ދީން
މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން: ހުކުރު ޚުތުބާ

ހުކުރު ނަމާދުގެ ޖަމާޢަތް ކުރިއަށް ދަނީ---
މުޞީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމްކަމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޢާޝޫރާ ދުވަހުގެ މާތްކަމާއި ބެހޭ ގޮތުން އިއްވި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނަށް ދިމާވެފައިވާ ހާދިސާތަކުން ގިނަގުނަ ޢިބްރަތްތަކެއް ލިބިގެންދާކަމަށެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަދި މިފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމްކަމުންކަމަށާއި، އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަން ކަމަށް ޚުޠުިބާގައި ބުނެފައިވެއެވެ. މާތް ﷲއަށް އިތުބާރުކޮށް، އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއްނެތްކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ޢާޝޫރާ ދުވަހާއި ގުޅިފައިވާ ފިރުޢަނު ޣަރަޤު ކުރެވުނު ހާދިސާއަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ އެ ޙާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަން ކަމަށެވެ.
އަދި އެ މީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނޭކަމަށާއި އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމަށެވެ. ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޢާޝޫރާ ދުވަހާއި ގުޅުންހުރި ޙުކުމްތައް ބަޔާންކޮށްދެއްވަމުން ޚުޠުބާގައި ބުނެފައިވަނީ ޢާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތްކަމަށެވެ.
އަދި މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށް ޚުޠުބާގައި ބުނެފައިވެެއެވެ.