ދުނިޔެ
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިން 4 މީހަކު ޝަހީދުކޮށްލައިފި

ޝަހީދެއްގެ ހަށިގަނޑު ކައިރީގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައި
އިޒްރާއީލުގެ ސިފައިންނާއި ޔަހޫދީން އިހަށްދުވަހު ހިންގި ޢުދުވާންތަކެއްގައި އިޒްރާއިލުން ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 4 މީހުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި 15 އަހަރުގެ ޒުވާން ކުއްޖަކުވެސް ހިމެނެއެވެ.
ރަމަﷲގެ އިރުމަތީ އުތުރުގައި އޮންނަ ކަފުރު މަލެކް ރަށަށް އިސްރާއީލްގެ ޔަހޫދީން އަރައިގަނެ ދިން ހަމަލާއެއްގައި 3 ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު އިތުރު 7 މީހުންނަށް އަނިޔާވެފައިވެއެވެ. ފަލަސްތީނުގެ ނައިބު ރައީސް ހުސެއިން އަލް-ޝެއިޚް ވިދާޅުވި ގޮތުގައި މި ހަމަލާތައް ދީފައިވަނީ އިޒްރާއީލު ސިފައިންގެ ހިމާޔަތުގެ ދަށުންނެވެ.
ޔަހޫދީންގެ ހަމަލާގައި ގިނަ އަދަދެއްގެ އުޅަނދުފަހަރާއި ގެތަކުގައި އަލިފާން ރޯކޮށްފައިވާއިރު، އަވަށްޓެރި ރަށްރަށުގެ ރައްޔިތުން މި ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރިއެވެ.
ފަލަސްތީނު ރެޑް ކްރެސެންޓުން ބުނި ގޮތުގައި މަދުވެގެން 5 މީހަކަށް ވަޒަންއަރައި އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލަތު ސީރިއަސްކަމަށް ބުނެފައިވެއެވެ.
ޖެނިންގެ ހުޅަނގުގައި އޮންނަ އަލް-ޔަމޫން ރަށަށް އިޒްރާއީލު ސިފައިން ދިން ހަމަލާއެއްގައި 15 އަހަރުގެ ރަޔާން ތާމަރު ހޮޝިއޭ ކިޔާ ކުއްޖަކު ވަނީ ކަރަށް ވަޒަން އަރައި ޝަހީދުވެފައެވެ. މިއީ ދެ ދުވަހުގެ ތެރޭގައި ވެސްޓް ބޭންކުން ޝަހީދުވި ދެވަނަ ޒުވާނާއެވެ. އޭގެ ކުރީ ދުވަހު 13 އަހަރުގެ އަމްމާރު ހަމާޔަލް ވަނީ ކަފުރު މަލެކްގައި ޝަހީދުވެފައިވެއެވެ.
3 މިލިއަނަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ހުޅަނގު އައްސޭރިއަކީ އިޒްރާއީލުގެ ހަރުކަށި އަސްކަރީ ވެރިކަމުގެ ދަށުގައިވާ ސަރަހައްދެކެވެ. އިޒްރާއީލުން މިހާތަނަށް 100 އަށްވުރެ ގިނަ ސެޓްލްމަންޓް ހުޅަނގު އައްސޭރީގައި ޤާއިމުކޮށްފައިވާއިރު، މި ސެޓްލްމަންޓްތަކުގައި 500,000 އަށްވުރެ ގިނަ އިޒްރާއީލްގެ މީހުން ދިރިއުޅެމުންދެއެވެ.
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަނަރުގެ އޮފީހުން ވަނީ ވެސްޓް ބޭންކުގައި އިޒްރާއިލްގެ ސެޓްލަރުންނާއި ސިފައިން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.