Ads by Stelco

ޚަބަރު

އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ޚިދުމަތް ފެށި، ސަރުކާރުން ވެފައިވާ ވަޢުދު ފުދިގެންދާނެ : ރައީސް މުޢިއްޒު

އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ޚިދުމަތް ފެށި، ސަރުކާރުން ވެފައިވާ ވަޢުދު ފުދިގެންދާނެ : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2025، 01:44

26 ޖޫން 2025، 01:44

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް (ރާއްޖެ ޓްރާންސްޕޯޓް ލިންކް) ފެރީ ޚިދުމަތް ފެށި، ސަރުކާރުން ވެފައިވާ ވަޢުދު ފުދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ވީ ވަޢުދާ އެއްގޮތަށް މިއަދު އެ އަތޮޅުގައި ޚިދުމަތް ފަށާފައިވާކަން ފާހަގަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިގެން ދިއުމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރ. އަތޮޅުގައި މިހާރު ފަށާފައިވަނީ ތަޖުރިބާ ދަތުރުތަކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު، މިހާތަނަށް 3 ރޫޓަކަށް ދަތުރުތައް ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެފަހަރު ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ޚިދުމަތް ފަށާނެކަމަށެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަޢުދާ އެއްގޮތަށް ރ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށަން ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގައިވެސް ޚިދުމަތް ފައްޓަވާނެކަމަށް ކަށަވަރުކޮށްދެއްވާފައެވެ. ރައީސް ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށްދާކަމަށެވެ.



އަދި ސަރުކާރުގެ ޢަމާޒާ އެއްގޮތަށް ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS