ޚަބަރު
އާރްޓީއެލްގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި: މި ޚިދުމަތް ފެށޭ 10ވަނަ އަތޮޅު

ރ އަތޮޅަށް އާރްޓީއެލް ޙިދުމަތް ފެށުން
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީ ޚިދުމަތުގެ ތަޖުރިބާ ދަތުރުތައް ރ. އަތޮޅުގައި ފަށައިފިއެވެ. މިއީ ރާއްޖޭގައި މި ޚިދުމަތް ފެށޭ 10ވަނަ އަތޮޅެވެ.
ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު، އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24،000 އަށް އަރައެވެ. އަތްފޯރާފަށެއްގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ޚިދުމަތްތައް ލުއިފަސޭހަ ކުރުމުގެ މަޤުޞަދުގައި ފަށާފައިވާ މި ޚިދުމަތް، ރ. އަތޮޅުގައި ފުރަތަމަ ފަށާފައި މިވަނީ ތަޖުރިބާ ދަތުރުތަކެއްގެ ގޮތުގައެވެ. މި ދަތުރުތައް އެއްވެސް ފީއެއް ނެގުމެއް ނެތި އެއް ހަފްތާއަށް ކުރިއަށްދާނެއެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ދެނީ 3 ރޫޓަކަށް ބަހާލައިގެން ކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށްޓަކައި 2 ލޯންޗު ފެރީ ބޭނުންކުރަމުންދާ ކަމަށެވެ. ރޫޓުތައް ކަނޑައަޅާފައި ވަނީ އާއްމުކޮށް އެ ޚިދުމަތްތައް އާއްމުން ދަތުރުކުރާ ރަށްތަކަށް ބަލައިގެން، އެކަމަށް ފަހިވާގޮތަށެވެ. މި ޚިދުމަތް ހަފްތާގެ ކޮންމެ ދުވަހަކުވެސް ލިބެން ހުންނާނެއެވެ.
ތަޖުރިބާ ހަފްތާއަށްފަހު، އާއްމު އުސޫލުން ދަތުރުތައް ފެށޭނީ ޖުލައި 3 ވަނަ ދުވަހުއެވެ. ރޫޓުތަކާއި، ޓިކެޓުގެ އަގުތަކާއި، އަދި ދަތުރުތަކުގެ ޝެޑިއުލްތައް، އާރްޓީއެލް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ. އަދި އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާ، ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.
ދަތުރުތަކުގައި ބޭނުންކުރާ ލޯންޗުތައް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، މީހުން އުފުލުމަށް ޚާއްސަ ފީޗަރތައް ހިމެނޭގޮތަށެވެ. މީގެ އިތުރުން، އުޅަނދުތަކުގައި މަސައްކަތްކުރަނީ ޚާއްސަ ޓްރެއިނިންތައް ދީފައިވާ ކެޕްޓަނުންނާއި ފަޅުވެރިންނެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، މިހާރު ރައްޔާރުވަމުންދަނީ ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށެވެ. އެ އަތޮޅުގައިވެސް ވަރަށް އަވަހަށް މި ޚިދުމަތް ފަށާނެ ކަމަށް ވެއެވެ.
އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.