Ads by Stelco

ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް ޚާއްސަ އިންޝުރެންސެއް ތަޢާރަފްކުރަނީ

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް ޚާއްސަ އިންޝުރެންސެއް ތަޢާރަފްކުރަނީ

ކެންސަރަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމު ކޮށްފައިވާ ޔުނިޓް ފޮޓޯ: ހުޅުމާޅެ ހޮސްޕިޓަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2025، 12:37

26 ޖޫން 2025، 12:37

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، ޚާއްސަ އިންޝުރެންސެއް ތަޢާރަފްކުރަން ނިންމާފައިވާކަމަށް ވިދާޅުވެއްޖެއެވެ. މި އިންޝުރެންސް މި ފެށުނު މުޙައްރަމް 1447 އިން ފެށިގެން ދޭން ފަށާނެކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އިންޝުރެންސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންނެވެ. މިގޮތުން، މި އިންޝުރެންސް ތަޢާރަފްކުރެވެނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި، ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމުގެ ގޮތުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް، ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ދަނީ ކުރަމުންނެވެ.

ޒަކާތު ފަންޑުން ކުރާ ޚަރަދުތަކުގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމާއި، ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި، މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވެއެވެ. ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ރަޖިސްޓްރީ ވެފައެވެ.

މިދިޔަ އޭޕްރީލް މަހު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.7 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާދީފައިވެއެވެ. އެއީ 111 މީހަކަށް ދީފައިވާ އެހީއެކެވެ. އަދި އެމަހު އެހީގެ ގޮތުގައި ވަނީ ޖުމްލަ 1.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހެން މަސްތަކެކޭވެސް އެއްގޮތަށް އޭޕްރީލްމަހުވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS