ޚަބަރު
ރައީސް މުޢިއްޒު ހިޖުރީ އައު އަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައި ފަލަސްޠީނަށް އެހީތެރިވުމަށް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދުބާއީގެ ރަސްގެފާނު އަދި ވަލީއަޙްދާއިއެކު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާގެ މެސެޖުތަކެއް ފޮނުއްވައިފިއެވެ. މި މެސެޖުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގަންނަވަމުން، މާތްﷲގެ ރަޙުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ޤައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.
އެ މަނިކުފާނުގެ މި މެސެޖުތަކުގައި، ޚާއްސަ ގޮތެއްގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވާފައިވެއެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި، ޢަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްތައް ނިންމަވާލައްވަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމަޢުތަކަށް ސުލްޙަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ. އަދި މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުން އެދިވަޑައިގެންނެވިއެވެ. މިކަމުގެ ބޭނުމަކީ، މުސްލިމް އުންމަތުގެ އެއްބައިވަންތަކަން ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އިސްލާމީ ޤައުމުތަކުގެ އަޑު ގަދަކުރުމެވެ.