ޚަބަރު
ވެހިކަލް ރަޖިސްޓްރީ ކުރުން %74.6 ދަށަށް

މާލޭގެ ޕާކިންގ ޒޯނެއް ފޮޓޯ: ޕީއެސްއެމް
ފާއިތުވި ދެ އަހަރާއި އަޅާބަލާއިރު ވެހިކަލް ރަޖިސްޓްރީ ކުރި މިންވަރު %74.6 ދަށަށް ގޮސްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. މިވަގުތު މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު، ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މާލެއަށް ނުކަތާވަރަށް ވެހިކަލް ރަޖިސްޓްރީކުރުމާއި، ހަލާކުވުމުން ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާ ވެހިކަލްތަކުގެ އަދަދުތައް އިތުރުވުމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ސިޓީއެއްގައި ނުވަތަ ރަށެއްގައި ވެހިކަލް ގެންގުޅެވޭނެ އަދަދު ކަނޑައަޅާނީ އެތަނެއްގެ ސިޓީ ކައުންސިލުން ނުވަތަ ކައުންސިލުންކަމަށެވެ. މި ސަރުކާރުން ވެރިކަމާއި ޙަވާލުވެ މާލެ ސިޓީ ކައުންސިލާއި އެތައް ފަހަރަކު ވާހަކަދައްކައިގެންވެސް މާލޭގެ ކެރިން ކެޕޭސިޓީ ނުވަތަ އުޅަނދު ބޭނުންކުރެވޭނެ މިންވަރު އަދިވެސް ކަނޑަނޭޅޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިވަގުތު އެންމެ ބޮޑު މައްސަލައެއް ދިމާވެފައި ވަނީ މާލެ ސަރަހައްދުކަން ފާހަގަކުރައްވާ ވަޒީރު އަމީން ވިދާޅުވީ، މާލޭ ސަރަހައްދުގެ ވެހިކަލް ލިމިޓެއްނެތި އެތެރެކުރުމުގެ މައްސަލަ މިހާ ހިސާބަށްގޮސްފައިވަނީ، ޤާނޫނާއި ޤަވައިދާ ޚިލާފަށް އެތައް ކަމެއް ހިންގުމަށް މީގެ ކުރިން ޖާގަ ދެވިފައި އޮތުމުންކަމަށެވެ. އެހެންނަމަވެސް ޤާނޫނޫގެ ތެރެއިން މަސައްކަތް ކުރެވުނުނަމަ މާލޭގެ މައްސަލަ މިހާ ހިސާބަށް ނުދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޤާނޫނާއި ޤަވައިދުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ވެހިކަލް ރަޖިސްޓްރީ ކުރާ މިންވަރު ބޮޑު ތަނުން މަދުކުރެވިފައިވާކަމަށެވެ.
އަޅުގަނޑު ހަމަ ޔަޤީންކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެން ސަރުކާރަށް އައި ފަހަކުންނެއް ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ކުރެވޭނެ ޖާގައެއް ނުދެން. އަދި އެކަން އަޅުގަނޑު ހުރެގެން ވިޔަކަވެސް ނުދޭނަން. ނަންބަރުތަކަށް ބަލާއިރު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ބަލާއިރު %74.6 ރެޖިސްޓްރޭޝަން ދަށްވެފައި ވަނީ. އޭގެން އެނގެނީ ޤާނޫނާއި ޤަވައިދު ހިފެހެއްޓީމަ އެކަންތައްތައް ރަނގަޅުވަމުންދާކަން
ވަޒީރު އަމީން
މީގެ އިތުރުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އަންނަ މަހުން 13 އިން ފެށިގެން ރަޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި އެއްވެސް ވެހިކަލެއް ރާއްޖެ އެތެރެ ނުކުރެވޭނެކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވެހިކަލް އެތެރެކުރާ ފަރާތްތަކުންވެސް އެތަކެތި ބަހައްޓާނެ ތަނެއް ހުންނަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ފިޔަވަޅުތަކާއެކު މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ދިގުދެމިގެންދާ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.