ސައިންސް / ދުނިޔެ
ވެބް ޓެލެސްކޯޕްގެ އެހީގައި ފުރަތަމަ ފަހަރަށް "އޭލިއަން ޕްލެނެޓް"އެއް ހޯދައިފި

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އިން ފުރަތަމަ ފަހަރަށް ހޯދި ޕްލެނެޓް
ނޭޝަނަލް އެއަރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިޔުއެސްޓީ) އިން ފުރަތަމަ ފަހަރަށް އަޅުގަނޑުމެންގެ ނިޒާމުގެ ބޭރުން އައު ގުރަހައެއް ނުވަތަ "އޭލިއަން ޕްލެނެޓް " އެއް ހޯދައިފި އެވެ.
2021 ވަނަ އަހަރުން ފެށިގެން ޖޭމްސް ވެބް ޓެލެސްކޯޕުން ވަނީ ބައެއް ގުރަހަތަކާއި (ޕްލެނެޓްތައް) ބައްޓަންތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ހޯދައިފައެވެ. ހޯދިފައިވާ މި އައު ގުރަހައަކީ ސީދާކޮށް ތަސްވީރު ކުރެވުނު، ކުރިން އެނގިފައިވާ ގުރަހައެއް ނޫނެވެ. މިއީ ސީދާކޮށް ވެބް ޓެލެސްކޯޕުން ހޯދި ފުރަތަމަ އެކްސޯޕްލެނެޓެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، ވެބް ޓެލެސްކޯޕުން ވަނީ ދިރުމެއްނެތް، ވަރަށް ޅަ، ގިނަ ގޭސްތަކެއް އެކުލެވޭ ގުރަހައެއްގެ ތަސްވީރެއް ނަގާފައެވެ. މި ގުރަހައިގެ ސައިޒަކީ އަޅުގަނޑުމެންގެ ނިޒާމުގެ ދެވަނަ އަށް އެންމެ ބޮޑު ގުރަހަ ކަމަށްވާ ޒުހަލު (ސެޓަރން) ގެ ސައިޒާ ގާތްކުރާ ސައިޒެވެ.
މި ގުރަހަ ހިނގަހިނގާ ހުންނަނީ އިރަށް ވުރެ ކުޑަ ތަރިއެއްގެ ވަށައިގެންނެވެ. މި ތަރި ހުންނަނީ ބިމުން ގާތްގަނޑަކަށް 110 "ލައިޓް އިޔަރ" ދުރުގައިވާ 'އަންޓްލިއާ' ނަމަކަށް ކިޔާ ނަކަތެއްގައެވެ. ލައިޓް އިޔަރ އަކީ އަލި އެއް އަހަރު ތެރޭގައި ދަތުރުކުރާ ދުރުމިނަށް ކިޔާ ނަމެކެވެ، އެއީ 9.5 ޓްރިލިއަން ކިލޯމީޓަރެވެ.
1990 ގެ އަހަރުތަކުން ފެށިގެން ގާތްގަނޑަކަށް 5,900 އެކްސޯޕްލެނެޓް ހޯދިފައިވާއިރު، އޭގެ ގިނަ ގުރަހަތައް ހޯދާފައިވަނީ ސީދާ ނޫން އުސޫލުތައް ބޭނުންކޮށެވެ. މިސާލަކަށް 'ޓްރާންސިޓް މެތޯޑް' ގެ ތެރެއިން ގުރަހައެއް ތަރިއެއްގެ ކުރިމަތިން ދާއިރު، އެ ތަރީގެ އަލިކަން ކުޑަވުން ބަލައިގެންނެވެ.
ހޯދިފައިވާ އެކްސޯޕްލެނެޓްތަކުގެ ދެ އިންސައްތައަށް ވުރެ މަދު ގުރަހަތައް ވަނީ ސީދާކޮށް ތަސްވީރުކުރެވިފައެވެ. ވެބް ޓެލެސްކޯޕުން މި އައު ގުރަހަ ހޯދާފައިވަނީ މި ސީދާކުރުމުގެ އުސޫލުންނެވެ.
މި ގުރަހައަކީ އަޅުގަނޑުމެންގެ ނިޒާމުގެ ގުރަހަތަކާ އަޅާ ބަލާއިރު ބޮޑު ގުރަހައެއް ނަމަވެސް، ސީދާކޮށް ތަސްވީރުކުރެވުނު އެންމެ ކުޑަ ނުވަތަ ބަރުދަން އެންމެ ކުޑަ ގުރަހައަކީ މިއެވެ. މިއީ މީގެ ކުރިން ރެކޯޑް ހަދާފައިވާ ގުރަހައަށް ވުރެ 10 ގުނަ ކުޑަ ގުރަހައެކެވެ. މީގެން ވެބް ޓެލެސްކޯޕްގެ ވަސީލަތްތަކުގެ ނާޒުކުކަން ދައްކައިދެއެވެ.
މި ހޯދުން ހާސިލުކުރެވުނީ ވެބް ޓެލެސްކޯޕްގައި ހަރުކޮށްފައިވާ މިޑް-އިންފްރާރެޑް އިންސްޓްރޫމަންޓް (މީރީ) ގައި ހިމެނޭ ފްރާންސް އިން އުފެއްދި ކޮރޯނަގްރާފް ބޭނުންކޮށެވެ. މިއީ ތަރިއެއް ދިއްލުމަށް އެހީވެދޭ އަލިކަން ހޮޅިއަށް ވަނަ ނުދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ.
"ވެބް ޓެލެސްކޯޕް އިން ވަނީ އާ ދޮރެއް ހުޅުވައިލާފަ. އެކްސޯޕްލެނެޓްތަކުގެ ބަރުދަނާއި ތަރިއާ ދެމެދުގައިވާ ދުރުމިނުގެ ގޮތުން، މިހާތަނަށް ދިރާސާ ކުރަން ނުލިބުނު ގުރަހަތަކަށް މިހާރު ފުރުސަތު ލިބިފައިވޭ. މިއީ އެކްސޯޕްލެނެޓަރީ ނިޒާމުތަކުގެ ތަފާތު ދެނެގަތުމަށާއި، އެތަކެތި އުފެދި، ކުރިއަރާފައިވަނީ ކިހިނެއްކަން ދެނެގަތުމަށް ވަރަށް މުހިއްމު ކަމެއް،" މި ދިރާސާގެ މުހިއްމު ލިޔުންތެރިޔާ އަދި ފްރާންސްގެ ރިސާޗް އެޖެންސީ ސީ.އެން.އާރް.އެސް ގެ އަންނެ-މެރީ ލެގްރޭންޖް ބުނުއްވިއެވެ. މި ދިރާސާގެ ނަތީޖާ ވަނީ ބުދަ ދުވަހު ނޭޗާރ (Nature) މަޖައްލާގައި ޝާއިޢުކުރެވިފައެވެ.
މި ގުރަހަ އެ ތަރި "ޓީ.ޑަބްލިޔު.އޭ 7" (TWA 7) ގެ ވަށައިގެން ހިނގަހިނގާ ހުންނަނީ ބިމާއި އިރާއި ދެމެދު ހުންނަ ދުރުމިނަށް ވުރެ 52 ގުނަ އިތުރު ދުރުމިނެއްގައެވެ. މިސާލަކަށް ދަންނަވާ ނަމަ، އަޅުގަނޑުމެންގެ ނިޒާމުގެ އެންމެ ބޭރުގައިވާ ގުރަހަ ނެޕްޓިއުން ވަނީ އިރަށް ވުރެ ގާތްގަނޑަކަށް 30 ގުނަ ދުރުގައެވެ. 'ޓްރާންސިޓް މެތޯޑް' އަކީ ގުރަހަ ހޯދުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ބެލެވެނީ، އެ ގުރަހަތައް ތަރިއާ ކައިރީގައި ހުންނަ ގުރަހަތަކަށް ވާތީއެވެ. މިހާ ދުރުގައި ހުންނަ ގުރަހަތަކަށް އެ އުސޫލު ބޭނުން ނުވެއެވެ.
"ސީދާ ނޫން އުސޫލުތަކުން ތަރިތަކާ ގާތުގައި ހުންނަ ގުރަހަތަކާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބޭ. ނަމަވެސް ތަރިތަކާ ދުރަށް، ގާތްގަނޑަކަށް ބިންމަތިން އިރާްި ހުންނަ ދުރުމިނަށް ވުރެ 10 ގުނަ ދުރުގައި ހުންނަ ގުރަހަތައް ހޯދައި ތަފާތުކުރަން ތަސްވީރުކުރުން މުހިއްމު،" ލެގްރޭންޖް ވިދާޅުވިއެވެ.
ގުރަހައިގެ ނިޒާމެއް އުފެދެން ފަށަނީ ގޭހާއި ދުންމުގެ ބޮޑު ވިލާގަނޑަކުންނެވެ. މި ގޭހާއި ދުންމުގެ ވިލާގަނޑަށް ކިޔަނީ މޮލެކިއުލަރ ކްލައުޑެވެ. މި ވިލާގަނޑު އޭގެ އަމިއްލަ ބާރުގައި ގްރެވިޓީއަށް ވެއްޓި އޭގެ މެދުގައި ތަރިއެއް އުފެދެއެވެ. އެ ތަރި ވަށައިގެން ބާކީ ހުންނަ މާއްދާތައް އެކުވެ ގުރަހަތަކެއް އުފެދެއެވެ. މި ގުރަހަތައް ހިމެނޭ ޑިސްކަށް ކިޔަނީ ޕްރޮޓޯޕްލެނެޓަރީ ޑިސްކެވެ.
މި ދިރާސާގައި ހިމެނޭ ތަރިއާއި ގުރަހައަކީ އަލަށް އުފަންވެފައިވާ ތަރިއަކާއި ގުރަހައެކެވެ. އިރާއި އަޅުގަނޑުމެންގެ ނިޒާމުގެ އުމުރު ގާތްގަނޑަކަށް 4.5 ބިލިއަން އަހަރަށް ވާއިރު، މި ދެތީގެ އުމުރަކީ ގާތްގަނޑަކަށް 6 މިލިއަން އަހަރެވެ.
މި ގުރަހަ ނިޒާމު ހުރި ގޮތުން އެ ނިޒާމުގެ ބާކީ ހުރި ޑިސްކްގެ އެތުރިފައިވާ ގޮތް ދެނެގަތުމަށް ދިރާސާ ކުރާ ފަރާތްތަކަށް ވަނީ ފަސޭހަ ވެފައެވެ. އެ ޑިސްކްގައި ހުރީ ބޮޑު ދެ ދިގު ރިންގު ފަދަ އޮނިގަނޑެކެވެ. މި ދިގު ރިންގުތައް ހެދިފައިވަނީ ހިލަތަކާއި ދުންތަކުންނެވެ. އަދި މި ގުރަހަ ހުންނަނީ ހަނި އެއް ރިންގުގެ ތެރޭގައެވެ.
ދިރާސާ ކުރާ ފަރާތްތަކަށް އަދި މި ގުރަހައިގެ ވައިގެ ފަށަލައިގައިވާ އެކުލެވުންތައް އެނގިފައެއް ނުވެއެވެ. ނަމަވެސް މުސްތަގުބަލުގައި ވެބް ޓެލެސްކޯޕުން ކުރާ އޮބްޒަވޭޝަންތަކުން މި ސުވާލަށް ޖަވާބު ލިބިދާނެއެވެ. އަދި މި ގުރަހައިގެ އުމުރުން ކުޑަކަމުން، އަދިވެސް އިތުރު މާއްދާތައް އެއްވެ، އޭގެ ބަރުދަން އިތުރުވަމުންދޭތޯ ވެސް އެ ފަރާތްތަކަށް އަދި ޔަގީނެއް ނޫނެވެ.
މި ގުރަހައަކީ ސީދާކޮށް ތަސްވީރު ކުރެވުނު އެންމެ ކުޑަ ގުރަހަ ނަމަވެސް، ދިރޭ އެއްޗެއް ހުރެދާނެ ކަމަށް ބެލެވޭ ބިން އަދި ހިލައެކުުލެވޭ ގުރަހަތަކަށް ވުރެ ބޮޑު ގުރަހައެކެވެ. ނިއަރ-އިންފްރާރެޑް އަދި މިޑް-އިންފްރާރެޑް ވޭވްލެންތްސް ބޭނުންކޮށްގެން ދިރާސާތައް ކުރުމުގެ ބޮޑެތި ގާބިލިއްޔަތުތަކެއް ވެބް ޓެލެސްކޯޕަށް ލިބިފައިވީ ނަމަވެސް، ބިންފަދަ އެކްސޯޕްލެނެޓްތައް ސީދާކޮށް ތަސްވީރުކުރަން އަދިވެސް އެ ޓެލެސްކޯޕަށް ނުކުޅެދެއެވެ.
"މުސްތަގުބަލުގައި ބިންފަދަ ގުރަހަތައް ސީދާކޮށް ތަސްވީރުކުރުމާއި ދިރޭ އެއްޗެއްގެ ނިޝާންތައް ހޯދުމުގެ މަޝްރޫޢުތައް ހަގީގަތަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ލެގްރޭންޖް ވިދާޅުވިއެވެ.