ދުނިޔެ
އިޒްރާއިލް ސިފައިންގެ 7 މީހަކު މަރުވި އޮޕަރޭޝަނަކީ މިހާތަނަށް ހަމާސްއިން ހިންގި އެންމެ ސިއްރު އޮޕަރޭޝަން

މަރުވި އިޒްރާއިލް ސިފައިން
އިޒްރާއީީލް ސިފައިންގެ 7 މީހަކު މަރުވި އޮޕަރޭޝަނަކީ ހަނގުރާމަ ފެށުނީއްސުރެ ހަމާސްއިން މިހާތަނަށް ހިންގި އެންމެ ސިއްރު އަދި އެންމެ ބޮޑު އޮޕަރޭޝަންކަމަށް، އަސްކަރީ ތަޖުރިބާކާރު، ލެފްޓިނަންޓް ޖެނެރަލް ފައިޒް އަލް-ދުވައިރީ ވިދާޅުވެއްޖެއެވެ.
މިއޮޕަރޭޝަން ހިންގައިފައިވަނީ ޚާން ޔޫނިސް ގައެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަލް-ދުވައިރީ ވިދާޅުވީ، މި އޮޕަރޭޝަނަކީ ވަރަށް ފުރިހަމައަށް ރޭވިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ތިން މަރުހަލާއެއްގެ މައްޗަށެވެ. އެގޮތުން ފުރަތަމަ އިޒްރާއީލްގެ އަސްކަރީ ދެ ވެހިކަލަކަށް ހަމަލާދިނުމަށްފަހު، ސަލާމަތްކުރަން އައި ބާރުތަކަށް ހަމަލާދީފައިވެއެވެ.
ޤައްސާމް ބްރިގޭޑްސްއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ހަވީރު ޚާން ޔޫނިސްގައި އިޒްރާއީލްގެ އަސްކަރީ ވެހިކަލެއް ކަމުގައިވާ "ޝަވާޒް" އަށް ބޮމަކުން އަމާޒުކޮށް ހަމަލާދީފައިވެއެވެ. މި ހަމަލާގައި ވެހިކަލްގެ ޑްރައިވަރުގެ ކެބިންއަށް އަމާޒުކޮށް ހަމަލާދިނުމުން ވެހިކަލް އަނދައި އޭގައި ތިބި ސިފައިން މަރުވެފައިވެއެވެ.

މަރުވި އިޒްރާއިލް ސިފައިން
އަލް-ދުވައިރީ ވިދާޅުވި ގޮތުގައި ޤައްސާމްގެ މި އޮޕަރޭޝަނަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އަސްކަރީ އިންސްޓިޓިއުޓްތަކުގައި ކިޔަވައިދޭނެ ފަދަ އޮޕަރޭޝަނެކެވެ.
އަދި މިފަދަ އޮޕަރޭޝަނެއް ރާވައި ހިންގުމުގައި ޤައްސާމްގެ ފަރާތުން ދައްކާފައިވާ ހުނަރުވެރިކަމާއި ޤާބިލުކަމަކީ އަސްކަރީ ތަޖުރިބާކާރުން ހައިރާންވާ ފަދަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރާއީލްގެ ސިފައިންގެ ފަރާތުން މިއަދު ހެނދުނު ބުނެފައިވަނީ މި ހަމަލާގައި އެއް އޮފިސަރަކާއި 6 ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި އިޒްރާއީލްގެ ސިފައިންގެ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި ވެހިކަލް އަނދައިގެން ދިޔުމުގެ ސަބަބުން މަރުވި ސިފައިންގެ ހަށިތައް ދެނެގަތުމަށް ގިނަ ވަގުތުތަކެއް ހޭދަވެފައިވެއެވެ.