ޚަބަރު
ރާއްޖޭގެ މިސްކިތްތަކުގައި ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފި

އިސްލާމީ މަރުކަޒު/ފޮޓޯ: ވިޒިޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތްތަކުގައި ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފައާއެކު ނިންމުމަށްފަހު، މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގަވާފައިވާ ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މިގޮތަށް މިކަން ނިންމަވާފައިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ޤަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު ހޭދަކުރުމަށް ވަނީ ނިންމަވާފައެވެ. އަދި މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު ހޭދަކުރުމަށް ނިންމާފައިވާއިރު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓު ހޭދަކުރުމަށް ވަނީ ކަނޑައަޅާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ނިންމަވާފައިވަނީ، ބަންގިއާއި ޤަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން ޢާންމުންގެ ޝަކުވާ އެ ވުޒާރާއަށް ލިބުމާއި ގުޅިގެންނެވެ.