ޚަބަރު
ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެދެފި

ތަކެތި އޮޔާ ދާކަމަށް ބެލެވޭ ސަރަޙައްދު/ފޮޓޯ: އެމްއެންޑީއެފް
ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުން ކަމަށެވެ. އަދި މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަދު ހެނދުނު 10:30 ހާއިރު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި މި ލޭންޑިންގ ކްރާފްޓުގައި ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ނިޔާވެފައެވެ. މި އުޅަނދުގައި ޖުމްލަ 6 މީހުން ދަތުރުކުރިއިރު އޭގެތެރޭގައި ސިފައިންގެ 3 މީހަކާއި، ބަންގުލަދޭޝްއަށް ނިސްބަތްވާ 3 ބިދޭސީން ހިމެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، މިކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގުކުރަމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.