ޚަބަރު
މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް މުހައިމިން އައްޔަންކޮށްފި

މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް މުހައިމިން/ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފިއެވެ.
މާލެ ސިޓި ކައުންސިލުން ވިދާޅުވީ، އޭނާ އެ މަޤާމަށް އައްޔަނުކުރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންކަމަށެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަޤާމަށްވާއިރު، މި މަޤާމުގައި ހުންނަވާ ފަރާތަކުން ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައިމިނަކީ، ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ޕްރައިމަރީ ޓީޗަރުކަމާއި، ސެކަންޑްރީ ޓީޗަރުކަމާއި، ޕްރިންސިޕަލްކަމުގެ މަޤާމުތައް ވަނީ އަދާކުރައްވާފައެވެ. ހަމަ އެހެންމެ، މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރކަމާއި، މާލެ ސިޓީގެ ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި، މާލެ ސިޓީގައި ހިންގަމުންދާ އަމިއްލަ ސްކޫލްތަކާއި، އިންޓަރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަޤާމު ވެސް އޭނާ އަދާކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޖުމްލަ ހަތަރު ބޭފުޅަކު ކުރިމަތި ލެއްވިއެވެ. އަދި 85.03 މާރކްސް އާއެކު އެންމެ މަތިން މަރކްސް ލިބިފައިވަނީ މުހައިމިނަށެވެ.