ޚަބަރު
ހިންނަވަރުގައި އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

ހިންނަވަރުގައި އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް ފުލުހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމް/ފޮޓޯ: ފުލުހުން
ޅ. ހިންނަވަރުގައި އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، އަލަށް ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް "ހިއްސާ ޕްރޮގްރާމް 2025" ނަމުގައި ޕްރޮގްރާމް އެއް ކުރިއަށް ގެންގޮސްފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުން ކަމަށެވެ. ހަމަ އެހެންމެ، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަކީ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި އަދި ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން، ރަށުގެ މަގުތަކަކީ އެންމެނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމުގެ އިތުރުން ހިންނަވަރަކީ ޤާނޫނާއި ޤަވާއިދުތަކަށް އިހުތިރާމުކުރާ ބަޔަކު ދިރިއުޅޭ މުޖުތަމައެއްކަން ކަށަވަރުކުރުވިގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 31 މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމަށް އިންޑޯރ ކުލާސްތަކާއި ޕްރެކްޓިކަލް އައުޓްޑޯ ކުލާސްތައް ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.